ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނިއުރޭޑިއަންޓްގެ ފޯވަޑް ލައިނަށް މުޅި ބްރެޒިލަށް މަޝްހޫރު ޑޮރިއެލްޓޮން: އަމާޒަކީ އާ ސީޒަނުގެ ހުރިހާ ތަށްޓެއް!

ނިއުރޭޑިއަންޓްގެ ފޯވަޑް ލައިނަށް މުޅި ބްރެޒިލަށް މަޝްހޫރު ޑޮރިއެލްޓޮން: އަމާޒަކީ އާ ސީޒަނުގެ ހުރިހާ ތަށްޓެއް!

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ވަރުގަދައަށް ތައްޔާރުވަމުންދާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ފޯވަޑް ލައިން ވަރުގަދަކުރުމުގެ ގޮތުން، ބްރެޒިލްގެ މޮޅު ފޯވަޑް ޑޮރިއެލްޓޮން ގޯމޭޒް ނަޝިމެންޓޯ އެ ޓީމަށް ސޮއިކޮށްފިއެވެ.

ނިއުރޭޑިއަންޓްގެ ސީނިއަރ ވައިސް ޗެއާމަން މުޖްތަބާ ޖަލީލް ” ޖީލަށް ” ވިދާޅުވީ، ޑޮރިއެލްޓޮން އަކީ އެ ޓީމުގެ އެޓޭކިންގް ލައިނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

އޭނާގެ ހުނަރާއި ތަޖުރިބާގެ ސަބަބުން ނިއުރޭޑިއަންޓްގެ ގޯލު ޖެހުމުގެ ރޭޓް މަތިވެގެންދާނެ ކަމަށް ކުލަބުން ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޑޮރިއެލްޓޯން: ބަންގްލަދޭޝްގެ ފެޑަރޭޝަން ކަޕް ކާމިޔާބުކޮށް، އެންމެ ގިނަގޯލު ޖެހި ކުޅުންޔެރިޔާގެ އެވޯޑް ވަނީ ހޯދާފައި

ޑޮރިއެލްޓޮން އަކީ މީގެ ކުރިންވެސް ބައިނަލްއަގުވާމީ ފެންވަރުގައި އޭނާގެ މޮޅު ކުޅުން ދައްކާފައިވާ، ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ.

މުޖްތަބާ ވިދާޅުވީ، ނިއުރޭޑިއަންޓްގެ މި ފަހަރުގެ އަމާޒަކީ ވަރަށް ސާފު އަމާޒެއް ކަމަށެވެ.

އެއީ އާ ސީޒަނުގައި ކުޅޭ ހުރިހާ މުބާރާތްތަކެއްގެ ތަށި ކާމިޔާބުކޮށް، ނިއުރޭޑިއަންޓަކީ ރާއްޖޭގެ އެއްވަނަ ކުލަބުކަން އަލުން ސާބިތުކޮށްދިނުމެވެ.

މި މަގުސަދު ހާސިލުކުރުމަށްޓަކައި ޓީމު ބައްޓަންކުރަމުންދަނީ ވަރަށް ރޭވުންތެރިކަމާއެކުގައެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަކީ އަބަދުވެސް ކާމިޔާބީއަށް ފެންބޮވައިގެންފައިވާ، ބޮޑު ސަޕޯޓަރުންގެ ބޭސްއެއް އޮތް ޓީމެކެވެ.

ފާއިތުވި ދުވަސްތަކުގައި ދިމާވި ގޮންޖެހުންތަކުން އަރައިގަނެ، ނިއުރޭޑިއަންޓް މިހާރު އަންނަނީ އަލުން "ރަސްގެފާނު" ގެ މަގާމަށް ރުޖޫއަވުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތާއިއެކު މުޖްތަބާ ވިދާޅުވީ މިހާރު ތިބި 4 ބިދޭސީ ކުޅުންތެރިންނަކީ ވެސް މޮޅު 4 ކުޅުންތެރިން ކަމަށެވެ. ބްރެޒިލްގެ 2 ކުޅުންތެރިންނާއި، ލައިބީރިއާގެ ގައުމީ ޓީމްގެ 2 ކުޅުންތެރިންނާއިއެކު ނިއު އާސީޒަނުގައި ފެނިގެންދާނީ ވަރުގަދަކޮށެވެ.

މުޖްތަބާ ޖަލީލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޑޮރިއެލްޓޮން ޓީމާ ގުޅުމަކީ ކުލަބުގެ މެނޭޖްމަންޓަށާއި ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

ޑޮރިއެލްޓޮން އެންމެ ފަހުން ކުޅުނު ކުލަބަކީ ބަންގްލަދޭޝްގެ ބޮޑު ބާރެއް ކަމަށްވާ ބަޝުންދަރަ ކިންގްސް އަށެވެ. އެޓީމަށް އެންމެ ފަހު ސީޒަންގައި ކުޅުނު 16 މެޗުން އޭނާ ވަނީ 19 ގޯލު ކާމިޔާބުކޮށްފައެވެ.

ގޯލާއި ރައްޓެހި ޑޮރިއެލްޓޮން ވަނީ ބަޝުންދަރަ ކިންގްސްއަށް މިހާތަނަށް 53 ގޯލު ޖަހައިދީފައެވެ. އަދި އެޓީމަށް ބަންގްލަދޭޝް ލީގު 2 ފަހަރު ކާމިޔާބުކޮށްދީ، އިންޑަޕެންޑެންސް ކަޕް 2 ފަހަރު ވަނީ ކާމިޔާބުކޮށްދީފައެވެ. ކެރިއަރުގައި މިހާތަނަށް 300 އާއި ގާތްކުރާ އަދަދަށް ގޯލު ޖަހާފައިވާ ކުޅުންތެރިޔާއަކީ މި ސަރަހައްދުގައި ވެސް އެންމެ ޑިމާންޑް ބޮޑު ކުޅުންތެރިޔާއެވެ.

އަދި އޭނާގެ ހުނަރުވެރި ކުޅުމާއެކު ދަނޑުމަތީގައި ނިއުރޭޑިއަންޓްގެ "ބްލޫސް" ފެނިގެންދާނީ އިދިކޮޅު ޓީމުތަކަށް ނުހިފޭއްޓޭނެ ފަދަ ވަރުގަދަ ބާރެއްގެ ގޮތުގައެވެ.

މިހާރު ކުރިއަށްދާ ޕްރެކްޓިސްތަކުގައި ޑޮރިއެލްޓޮން ބައިވެރިވާން ފަށާފައިވާއިރު، އޭނާގެ ފިިޓްނަސް އާއި ކުޅުމުގެ ފެންވަރާ މެދު ކޯޗިންގް ޓީމުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

ނިއުރޭޑިއަންޓުގެ އުންމީދަކީ މި އައު ފެށުމާއެކު، ދިވެހި ފުޓްބޯޅައިގެ ރަންޒަމާން އަލުން އަނބުރާ ގެނެސްދީ، ކުލަބުގެ ކާމިޔާބީގެ ތާރީޚުގައި އައު ފެށުމެއް ފެށުމެވެ.

އާ ސީޒަން ފެށުމަށް ތައްޔާރުވަމުންދާއިރު، ނިއުރޭޑިއަންޓްގެ ސަޕޯޓަރުން ތިބީ އެ ކުލަބުން މިފަހަރު ދައްކާނެ ތަފާތު ކުޅުމަކަށް ވަރަށް ބޮޑަށް އިންތިޒާރުކޮށްގެންނެވެ.