ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (18 ވަނަ ބައި)

ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (18 ވަނަ ބައި)

ކާރަށް އަރައި ހަމަޖެހިލުމަށްފަހު ޖެހިލުންވުމުގެ ނަޒަރަކުން މިކްދާދްގެ މޫނަށް ޒިވްރާ ބަލައިލިއެވެ. އޭރު މިކްދާދް ވެސް ހީވަނީ ކޮންމެވެސް ޚިޔާލަކަށް ގެއްލިފައި އިންހެނެވެ. ޒިވްރާއަށް މާބޮޑު ސަމާލުކަމެއް ނުދީ އޭނާ ކާރު ސްޓާރޓް ކޮށްލިއެވެ.

"އަހަރެން ވަރަށް ބޮޑު ކަމަކު އެދެން ބޭނުން" އިރުކޮޅެއްގެ ހިމޭންކަމަށްފަހު ހަށިފުރާ ނޭވާއެއްލަމުން ޒިވްރާ ބުނެލިއެވެ. ވަގުތުން މިކްދާދްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. ލުއި ހިނިތުންވުމަކާއެކު އޭނާ މަޑުމަޑުން ބޯޖަހައިލީ ޒިވްރާއަށް ހުއްދަދޭ ފަދައަކުންނެވެ.

 

"އައި އެމް ސޮރީ މިކްދާދް އެދުނު ދުވަސްތަކު އަހަންނަށް ބައްދަލުނުކުރެވުނީމަ. އެކަމަކު އެއީ އަހަރެން ގަސްދުގައެއް ނޫން. އަހަރެންގެ ވަރަށް ގާތް ދެއެކުވެރިއަކު ހޮސްޕިޓަލުގަ ބާއްވާފަ އޮތީމަ ޑިއުޓީގެ އިތުރުން ގިނަ ވަގުތުތައް އަހަރެން ހޭދަކުރީ އެމީހުން ކައިރީގަ. ވަރަށް ގިނަ ދުވަސްފަހުން އަހަރެމެން ބައްދަލުވީ. އެހެންވެ އަހަންނަށް މިކްދާދްއާ މީޓް ނުކުރެވުނީ. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ސޮރީއިނގޭ" އުނގުމަތީގައި ޖޯޑުކޮށްލެވިފައި އޮތް ދެ އަތްތިލައަށް ބަލަން އިނދެ ޒިވްރާ ބުނެލިއެވެ.

 

"އެއީ މައްސަލައެއް ނޫން. އަހަރެން އަންޑަރސްޓޭންޑް ވޭ. ދެން ބުނެބަލަ، ކޮން ކަމަކު ކިޔަންތަ ބޭނުންވަނީ. އަހަންނަށް ކޮށްދެވޭވަރު ކަމެއްވިއްޔާ ޔަގީނުންވެސް ކޮށްދޭނަން" ހިތްހެޔޮ ރާގަކަށް މިކްދާދް ބުނެލިއެވެ. އެއާއެކު ހިތްވަރުކޮށްފައި ވެގެން އުޅޭގޮތް ޒިވްރާ ކޮންމެވެސް ވަރަކަށް މިކްދާދްއަށް އޮޅުންފިލުވައި ދިނެވެ. އަދި އަޒާން އާއި އިޝްޔާގެ ކައިވެނީގައި ބައިވެރިވާން ބޭނުންވާ ކަމަށާއި، މިކްދާދް ރުހޭނަމަ އޭނާ އާއި ޒިވްރާގެ ރަންކިޔުން ފަސްކޮށްލަދިނުމަށް ޒިވްރާ އެދުނެވެ. ވަގުތުން މިކްދާދްގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. ޒިވްރާއަށް ނޭނގުނަސް އޭނާ ވެސް ވަނީ ރަންކިޔުމުގެ ހަފުލާ ބާއްވާން ނިންމައިފައިވާ ދުވަސް ފަސްކުރަން ބޭނުންވެފައެވެ. ކުއްލިއަކަށް މިވީ މާ ރަނގަޅު ގޮތެކޭ ހިތަށް އެރުމާއެކު މިކްދާދްއަށް ހިތާހިތުން ﷲ އަށް ޝުކުރުކޮށްލެވުނެވެ.

 

"ޑޯންޓް ވޮރީ. އަހަރެން މަންމައާ ތިވާހަކަ ދައްކާނަން. މަންމަ ގަބޫލުކުރާނެ. އަހަރެން ބުނާނަން އަހަންނަށް ވެސް ވަގުތު ބޭނުންވާތީއޭ. އެންމެ ރަނގަޅެއްނު. ޒިވީ ތި ކައިވެނީގަ ބައިވެރިވެލާފަ ހަމަޖެހިލައިގެން އަޔަސް ވެސް އޯކޭވާނެ"

 

"ތޭންކްސް" މިކްދާދްގެ ޖަވާބުން ޒިވްރާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އޭނާއަށް ޝުކުރު އަދާކޮށްލަމުން ޒިވްރާ ގޮނޑީގައި ލެގިލައި ހަމަޖެހިލިއެވެ. ދެމެދަށް ހިމޭންކަން ވެރިވުމާއެކު މިކްދާދް ފުންނަޒަރަކުން ޒިވްރާއަށް ބަލައިލިއެވެ. މިއީ އޭނާގެ ހިތުގެ ހާލަތު ޒިވްރާ ގާތުގައި ހާމަކުރަން ރަނގަޅު ފުރުސަތެއްކަމަށް ވިސްނުމުން އޭނާ ކުޑަކޮށް ކަރުކެހިލަމުން ޒިވްރާގެ ސަމާލުކަން ހޯދިއެވެ. ލިބިފައިވާ ރަނުގެ ފުރުސަތު ގެއްލުވައިލާކަށް މިކްދާދް އެއްވެސް ވަރަކަށް ބޭނުމެއްނުވިއެވެ.

 

"އަހަރެން ވެސް.." މިކްދާދްގެ ވާހަކަ ރަނގަޅަށް ފުރިހަމަ ނުވަނީސް ޒިވްރާގެ ފޯނު ރިންގްވާން ފެށިއެވެ. ގުޅަނީ އޭނާ މަސައްކަތްކުރާ ހޮސްޕިޓަލުން ކަމަށްވީތީ މިކްދާދްގެ ގާތުގައި މަޑުކޮށްލުމަށް ބުނަމުން ޒިވްރާ ކޯލަށް ޖަވާބުދިނެވެ. އެކޮޅުންދައްކަމުންދިޔަ ވާހަކަތަކުން ޒިވްރާގެ މުޅި ނަފުސަށް ސީރިއަސްކަން ވެރިވިއެވެ. ހާސްވެފައި އޭނާ މިދަނީކަމަށް ބުނަމުން ފޯނުކޯލު ކުރުކޮށްލުމަށްފަހު މިކްދާދްއަށް ބަލައިލިއެވެ. "އައި އެމް ސޯ ސޮރީ. ވޯރކް އެމަރޖެންސީއެއް ދިމާވެގެން އަހަރެން ވަރަށް އަވަހަށް ދާން ޖެހިއްޖެ. އުނދަގޫ ނުވާނަމަ އަހަރެން ހޮސްޕިޓަލާ ހަމައަށް ގެންގޮސްދެވިދާނެތަ ޕްލީޒް؟" އާދޭހުގެ ރާގަކަށް ޒިވްރާ ބުނެލިއެވެ. އަވަސް އަވަހަށް ބޯޖަހައިލުމާއެކު މިކްދާދް ކާރު ދުއްވަމުންދިޔަ މިސްރާބު ބަދަލުކޮށްލިއެވެ. ޒިވްރާ ކިޔައިދެމުންދިޔަ މަގުތަކުން އޭނާ ކާރު ދުއްވަމުންދިޔައިރު، ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ހިތަށް ލިބިގެންދިޔައެވެ. ކިތަންމެ ބޭނުންވި ނަމަވެސް، ޒިވްރާ އެހައި ހާސްވެފައި އިންދައި އޭނާ އާއި ޒައިހާގެ ވާހަކަތައް ދައްކައިގެން ޒިވްރާގެ ހާސްކަން އިތުރު ކުރާކަށް މިކްދާދްއަކަށް ނުކެރުނެވެ. އެހެންކަމުން އެ ވާހަކަތައް ހިތުގައި ފޮރުވައިލަމުން އޭނާ ހިމޭންވީއެވެ.

 

"ތެންކް ޔޫ ސޯ މަޗް މިކްދާދް. ތީ ވަރަށް ރަނގަޅު މީހެއް. ވަރަށް އުފާވެއްޖެ ތިފަދަ ހިތްހެޔޮ މީހަކާ ދިމާވީތީ. އެންޑް އައި އެމް ރިއަލީ ސޮރީ. މި ބައްދަލުވުން މިފަދަ ގޮތަކަށް ނިންމާލަން ޖެހުނީމަ. އިރާދަކުރެއްވިއްޔާ ޒާން މެންގެ ކައިވެނި ނިންމާފަ އެނބުރި އައިސް އަހަރެން މިކްދާދް ބޭނުންވާ ވަރަކަށް ވަގުތު ހުސްކޮށްދޭނަން." ހޮސްޕިޓަލް ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު މިކްދާދްއާ ދިމާއަށް އެނބުރިލަމުން ޒިވްރާ ބުނެލީ ދެރަވެފައި އިނދެއެވެ. މިކްދާދް އެހައި ވަރަށް ތައްޔާރުވެފައި ހުއްޓައި، އެމީހުންގެ މަންޒިލަށް ނުދެވެނީސް އެނބުރި އަންނަންޖެހުމުން ޒިވްރާއަށް ކުށްވެރިކަމުގެ އިހުސާސް ކުރެވެމުންދިޔައީ އިންތިހާއަށެވެ. "އެއީ މައްސަލައެއް ނޫނޭ. ކޮންމެ ކަމަކަށް މަޢާފަށް ނޭދުނަސް ރަނގަޅުވާނެ. ނިންމާލާފަ ގުޅާލަންވީނު، އޭރަށް އަހަރެން ޒިވީ ބަލާ އަތުވެދާނަން" ކުޑަކޮށް ހިނިތުންވެލަމުން މިކްދާދް ބުނެލިއެވެ. "ނޫނޭ ރަނގަޅުވާނެ. ފްރެންޑަކާ އެކީގަ ގެއަށް ގޮސްލާނީ. ނިމޭނެ އިރެއް ބުނާކަށްވެސް ނޭނގެ. އަހަރެން ބޭނުމެއްނޫން ބޭކާރު ގޮތުގަ މިކްދާދް އަހަންނަށް އިންތިޒާރު ކުރުވާކަށް. އެނީވޭސް ދަނީ އިނގޭ. ސީ ޔޫ ސޫން" އަވަސް އަރުވާލައިފައި އަތްދަބަސް ކޮނޑުގައި އަޅުވައިލަމުން ޒިވްރާ ކާރުން ފޭބިއެވެ. އޭނާ ގޮސް ހޮސްޕިޓަލަށް ވަންނަންދެން ބަލަން އިނުމަށްފަހު މިކްދާދް ކާރު ދުއްވާލިއެވެ. އަދި އޭނާ ރިޒަރވޭޝަން ހެއްދި ރެސްޓޯރެންޓަށް ގުޅައިލުމަށްފަހު އެ ރިޒަރވޭޝަން ކެންސަލް ކޮށްލިއެވެ. އެވަގުތު ފޯނަށް އައިސްފައިހުރި ޒައިހާގެ މެސެޖްތައް ފެނި މިކްދާދްގެ މޫނުމައްޗަށް ހަރުކަށިކަން ވެރިވިއެވެ. ދެބުމަ ގޮށްޖަހައިލަމުން އޭނާ ފޯނުގެ ސްކްރީން ނިއްވައިލީ އެވަގުތު އެއްވެސް ކަމަކާ ވިސްނަން ބޭނުންނުވުމުންނެވެ. ޒައިހާގެ ވާހަކަތައް ހުންނާނެގޮތް މިކްދާދްއަށް އިހުސާސުވީ ކަހަލައެވެ. އެއްވެސް މެސެޖެއް ކިޔަން އޭނާ ބޭނުންނުވީ އެހެންވެއެވެ. ނިތުގައި އެއްއަތުން ފިރުމައިލަމުން އޭނާ ކާރުގެ ސްޕީޑް ބާރުކޮށްލީ އަވަހަށް ގެއަށް ދިއުމަށް ގަސްދުކޮށެވެ.

 

*****

 

ޒިވްރާއަށް ހޮސްޕިޓަލުން އެނބުރި ގެއަށް އާދެވޭވަރުވީ ރޭގަނޑު 10 ޖަހަން ކައިރިވެފައި ހުއްޓައެވެ. ދޮރުހުޅުވައިލަމުން ގޭތެރަށް ވަތްއިރު، މުޅި ސިޓިންގްރޫމްގައި ރަސްކަންކުރަމުން ދިޔައީ ހަމަހިމޭންކަމެވެ. އެއްވެސް ދިމާލަކަށް ބަލައިލުމެއްނެތި މައްޗަށް އަރަން ހުރި ސިޑިއާ ދިމާއަށް އޭނާ މިސްރާބުޖެހީ ވަރުބަލިވެފައި ހުރިވަރުން ކޮޓަރިއަށް ގޮސް އަރާމުކޮށްލުމުގެ ނިޔަތުގައެވެ. އެވަގުތު ފަހަތުން މީހެއްގެ ހިލަމެއްވީހެންހީވެ ޒިވްރާ ސިހިފައި ފަސްއެނބުރި ބަލައިލިއެވެ.

 

"ދޮންތި، ހާދަ ލަސްވީ" ސޯފާއިން ތެދުވަމުން އޭނާއާ ދިމާއަށް މިސްރާބުޖެހި ޒައިހާގެ އަޑުގައިވީ މަޑުމައިތިރިކަމެވެ. ޒައިހާ ފެނުމާއެކު ޒިވްރާ ހިނިތުންވެލަމުން ބޯޖަހައިލިއެވެ. "ކޮބާ މިކް..މިކްދާދް.. ޑޭޓް އެހާވެސް ކަމުދިޔައީތަ؟" ސީދާ ޒިވްރާގެ މޫނަށް ބަލަން ހުރެ ޒައިހާ އެއްސެވެ. އޭރު ޒިވްރާގެ ޖަވާބެއް އަޑުއަހާހިތުން އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. "ހެހެ ހޫމް ދެން ޑޭޓެއްވިއްޔާ ކަމުދާނެތާ ދޯ. މިކްދާދް ގޭގަ ކަންނޭނގެވީ. ދޮންތި ކުޑަކަމަކު ހޮސްޕިޓަލަށް ދާން ޖެހުނީމަ ގޮސްލާފަ މިއައީ. ޒައި ކީއްތިކުރަނީ ނުނިދާ. މާދަން ކޮލެޖަށް ވެސް ދާން ނުޖެހެނީތަ އަދިވެސް ހޭލާ ތިއުޅެނީ؟" އޭނާގެ ގާތަށް އައިސް މަޑުކޮށްލި ޒައިހާއާ އެކުގައި ސިޑިން މައްޗަށް އަރަން ހިނގައިގަންނަމުން ޒިވްރާ އަހައިލިއެވެ. ނޫނެކޭ ބުނެލަމުން ޒައިހާ ކުޑަކޮށް ބޯ ހޫރާލިއެވެ. "ޒައި، ކިހިނެއްވެފަ ތިހުރީ؟ ބަލީތަ؟ ލޯވެސް ހާދަ ރަތްހެން ހީވެއޭ. ޒައި ދޮންތިއަށް ކަމެއް ސިއްރުކުރަނީތަ؟ ބުނެބަލަ، ވަޓްސް ރޯންގް؟" ހީމެންވެފައި ހުރި ޒައިހާއަށް ފަރުވާތެރިކަމާއެކު ބަލައިލަމުން ޒިވްރާ ސުވާލުކޮށްލީ ކަންބޮޑުވެފައި ހުރެއެވެ. ކުއްލިއަކަށް ޒައިހާގެ ޠަބީއަތައް އަންނަމުންދިޔަ ބަދަލުތަކުން ޒިވްރާ ހައިރާންކުރުވީއެވެ. ނެގިމަޑުވެފައި ޒައިހާ ހުންނަ ވަގުތުތައް ގިނަކަން އޭނާއަށް ފާހަގަވާންފެށިތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެނަސް ސުވާލު ކުރުމުންވެސް ޒައިހާ ވަނީ ކަމެއް ނުވާކަމަށް ބުނެފައެވެ. "ނެތިންގް ދޮންތީ. ކިޔެވުމުގެ ކަންތަކާ ކުޑަކޮށް ސްޓްރެސް ވަނީ. އެހެންވެ ރަނގަޅަށް ނުނިދެނީ. އެނީވޭސް އެ ވާހަކަ ބާއްވަބަލަ. މިކްދާދް ކި..ކިހިނެއްތަ؟" ގަދަކަމުންކަހަލަ ގޮތަކަށް ތުންފަތް މައްޗަށް ހިނިތުންވުމެއްގެ އަސަރު ވެރިކުރުވަމުން ޒައިހާ އެއްސެވެ. "މިކްދާދް ދޯ. ވަރަށް ވަރަށް ރަނގަޅު. ވަރަށް ސްވީޓް އަދި އަންޑަރސްޓޭންޑިންގް. އަސްލު ބުނަންތަ، ދޮންތި ދުވަހަކުވެސް ހިއެއް ނުކުރަން މިކްދާދް ފަދަ ޒުވާނަކާ ދިމާވެދާނެ ކަމަކަށް. އެކަމަކު މަންމަގެ އެދުމަށް އެއްބަސް ވެވުނީތީ މިއަދު ކުޑަކޮށް ވިއަސް ހިތްހަމަޖެހޭ. އެފަދަ ޒުވާނުން މިޒަމާނުގަ ވަރަށް މަދުވާނެ." ޚިޔާލަކަށް ގެއްލިފައި ހުރިފަދައަކުން ޒިވްރާ ބުނެލީ ދުރަށް ނަޒަރު ހުއްޓާލައިގެން ހުރެއެވެ. އޭނާގެ ވާހަކަތަކުން ގާތުގައިހުރި ކޮއްކޮގެ ހިތް ފޮތިފޮތިވަމުން ދިޔަކަމެއް އޭނާ ނުދެނަހުއްޓެވެ. ފަހަރެއްގައިވެސް މިދެއްކެނީ ޒައިހާއަށް އަޑުއަހަން ކިހައި އުނދަގޫވާނެ ވާހަކަތަކެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. އެހެންނޫންނަމަ ޒިވްރާ އެފަދަ ވާހަކައެއް ނުދެއްކީސްކަން ކަށަވަރެވެ. އެންމެ ފަހަރަކު ނަމަވެސް ކޮއްކޮގެ ހިތުގެ ހާލަތު އޭނާއަށް އެނގޭނެނަމައެވެ. ޒިވްރާގެ ވާހަކަތައް އިވިފައި ތުންފިއްތާލަމުން ޒައިހާ އިސްޖަހައިލީއެވެ. އިތުރަށް އެއްވެސް ވާހަކައެއް ދައްކާނެހައި ހިތްވަރެއް އޭނާގެ ކިބައިގައި ނެތެވެ. އެހެންކަމުން ނިދަން ދަނީކަމަށް ބުނެފައި ހަލުވި ފިޔަވަޅުތަކެއްގައި އޭނާ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ކުއްލިއަކަށް ޒައިހާއަށް ވީ ގޮތެއް ނޭނގި ސުވާލު އުފެދިފައި އޭނާ ދިޔަދިމާއަށް ބަލަހައްޓައިގެން ޒިވްރާއަށް ހުރެވުނީއެވެ. ކޮއްކޮގެ އުޅުމަށް އަންނަމުންދިޔަ ބަދަލުތައް ދެނެގަންނަން އޭނާ ނުކުޅެދިފައިވީ ކަހަލައެވެ.

 

*****

 

މިކްދާދް ވަޢުދުވީ ފަދައިން އޭނާ ޖޫލީއާ ވާހަކަދެއްކުމަށްފަހު ރަންކިޔުމުގެ ކަންތައް ފަސްކޮށްލިއެވެ. އެއްމަސް ދުވަސް ފަހުން ރަންކިޔާގޮތަށް ހަމަޖެހުމުން ޒިވްރާއަށް ލިބުނީ ބަޔާންކުރަންދަތި އުފަލެކެވެ. ޝާހީނާ މާ ގަޔާނުވި ނަމަވެސް ޒިވްރާގެ އުފަލަށްޓަކައި އެކަމަށް ރުހުނީއެވެ. ދަރިފުޅުގެ އެދުމަށް ޖޫލީ ވެސް ދެކޮޅު ހަދަން ބޭނުންނުވީތީ، އިތުރަށް ދައްކާނެ ބަހަނާއެއް ޝާހީނާއަށް ނުލިބުނީއެވެ.

 

ދަތުރަށް ޒިވްރާ ތައްޔާރުވަމުން ދިޔައިރު އޭނާގެ ކިބައިން ފައުޅުވަމުންދިޔައީ އާދަޔާ ޚިލާފު ހަމަޖެހުމެކެވެ. އެތައް ދުވަސްތަކެއް ފަހުން އުފަން ޤައުމަށް އެނބުރިދެވޭތީ ކަމުގައި ވެސް ވެދާނެއެވެ. ޒިވްރާގެ ރަންކިޔުން ފަސްވިކަން އެނގި ޒައިހާގެ ހާސްކަންވެސް ކޮންމެވެސް ވަރަކަށް ކުޑަވެފައި ވިއެވެ. އެހެންނަމަވެސް، އެ ހިތަށް ހަމަޖެހުމެއް ލިބޭގޮތެއް ނުވިއެވެ.

 

ފުރާ ދުވަސް އައިސް ޖެހުނުއިރު ޒިވްރާގެ ހިތް ވަނީ އިންތިހާއަށް އަވަސްވެފައެވެ. ދަބަހަށް އެއްޗެހި އަޅާ ނިންމާލުމާއެކު އޭނާ ދަބަހުގެ ޒިބު އަޅުވައިލިއެވެ. އަދި ހިންދެމިލަމުން އެނދު ކައިރީގައި ހުރި ސައިޑް ޓޭބަލް މަތީގައި އޮތް އަޒާން އާއި އިޝްޔާގެ ކައިވެނީގެ ދަޢުވަތު ކާޑަށް ބަލައިލިއެވެ. ލަސްހަރަކާތަކާއެކު އެ ކާޑު ނަގަމުން އޭނާ އޭގައި ފިރުމައިލިއެވެ. އަދި މަޑުމަޑުން ގެނެސް ކާޑު މޭގައި ޖައްސައިލިއެވެ. ފަނޑު ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއިރު، ދެލޯ ފުސްވެފައިވީ ކަރުނުންނެވެ. އެ ހިނިތުންވުމުގެ ފަހަތުގައިވީ އޭނާ މާކުރިއްސުރެ ސިއްރުކުރަން ދަސްކޮށްފައިވާ ފުން އަސަރުތަކެވެ. "މާތް ﷲ ޒާން އާއި އިޝީގެ އާ ޙަޔާތުގަ ބަރަކާތް ލައްވާށި" މަޑުމަޑުން ޒިވްރާ ބުނެލިއެވެ. ހިތަށް ތަދުވި ނަމަވެސް އޭނާ ހުރީ އޭނާގެ ދެއެކުވެރިންނަށްޓަކައި އުފަލުންނެވެ. ހިތްއެދޭ ކޮންމެ އެދުމެއް ފުރިހަމަ ނުވި ނަމަވެސް، އެއިން ކޮންމެ ކަމެއްގެ ފަހަތުގައިވެސް އެތައް ރަޙުމަތަކާއި ހިކުމަތެއް ފޮރުވިފައިވާނެކަން ޒިވްރާ ދަނެއެވެ. ވީއިރު ތަޤުދީރުގެ ނިޔާއާ މެދުގައި އެއްވެސް ޝަކުވާއެއް ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. ﷲ ގެ މިންވަރުފުޅާމެދު ރުހިގެންވި ހިތަކާއެކު، އޭނާ ދަތުރަށް ތައްޔާރުކޮށްފައިވާ ފޮށްޓާއި ދަބަސް ހިފައިގެން ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ. އެތައް ދުވަހަކަށްފަހު، އޭނާ ރާއްޖެއަށް މިކުރާ ދަތުރަކީ، ފަހަރެއްގައިވެސް މުޅި އުމުރުދުވަހު ހަނދާނުން ފޮހެލަން ދަތިވެދާނެފަދަ ދަތުރަކަށް ވެދާނެކަމަށް، ކުޑަކޮށް ވެސް ޒިވްރާ ހިއެއް ނުކުރެއެވެ. އެއްވެސް ނަފުސަކަށް އަންދާޒާވެސް ނުކުރެވޭފަދަ ތަފާތު ސަފުހާތަކެއް އޭނާގެ ޙަޔާތުގެ ފޮތުގައި ތަޤުދީރު ލިޔަން ފަށައިފައިވާކަން އޭނާއަށް ރޭކާވެސް ނުލައެވެ.

 

(ނުނިމޭ)