ސައުދީއާ ދެކޮޅަށް ހޫޘީން ކުރާ ތުހުމަތުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުރަމުންދާ ތުހުމަތުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ސައުދީ ސަރުކާރުން ނެރުނު ބަޔާނަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކޮށްފިއެވެ.
ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ރަސްމީ ބަޔާނެއްގައި ވިދާޅުވީ، ޔަމަނުގެ ރައްޔިތުން ނިކަމެތިކޮށް ހާލުގައި ޖެއްސުމަށް ސައުދީން މަސައްކަތްކުރާ ކަމަށް ބުނެ ހޫޘީން ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ތުހުމަތުތަކެއް ކަމަށެވެ. އަދި އެފަދަ ވާހަކަތައް ސައުދީގެ ހާރިޖިއްޔާއިން ދޮގުކޮށް ނެރުނު ބަޔާނަށް ރާއްޖެއިން އެއްބާރުލުން ދޭނެކަން ވަނީ ހާމަކޮށްފައެވެ.
އޭގެ އިތުރުން، ޔަމަނުގައި ސުލްހަޔާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި އދ. އާއި ޔަމަނުގެ ގާނޫނީ ސަރުކާރާ ގުޅިގެން ސައުދީ އަރަބިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން ވަނީ ތައުރީފުކޮށްފައެވެ. ހަމައެއާއެކު، ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ޔަމަނު ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަމާއި ތަރައްގީގެ އެހީތައް ފޯރުކޮށްދިނުމުގައި ސައުދީން އަދާކުރާ އިސް ރޯލު ދިވެހިރާއްޖެއިން ބަލައިގަންނަ ކަމަށްވެސް ބަޔާނުގައިވެއެވެ.
Ads by BMLޚާރިޖީ ވުޒާރާގެ ބަޔާން ނިންމާލަމުން، ސައުދީ އަރަބިއްޔާއާއެކު އޮތް އެކުވެރި ބަދަހި ގުޅުން އެގޮތުގައި ދެމެހެއްޓޭނެކަމުގެ ޔަގީންކަން ދެމުން، ޔަމަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތެއްގައި ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ވަނީ ބުނެފައެވެ.
Ads by MACL
