ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފައިނަލް މެޗު އަލުން ކުޅުމަށް އާޖެންޓީނާގެ ސަޕޯޓަރުން ފޫގަޅައިފި، މިހާތަނަށް 60 ހާހެއްހާ މީހުން ޕެޓިޝަންގައި ސޮއިކޮށްފި

ފައިނަލް މެޗު އަލުން ކުޅުމަށް އާޖެންޓީނާގެ ސަޕޯޓަރުން ފޫގަޅައިފި، މިހާތަނަށް 60 ހާހެއްހާ މީހުން ޕެޓިޝަންގައި ސޮއިކޮށްފި

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި އާޖެންޓީނާ ބަލިވުމާ ގުޅިގެން، އެ މެޗު އަލުން ކުޅުމަށް ގޮވާލައި އާޖެންޓީނާގެ ސަޕޯޓަރުން އޮންލައިން ޕްލެޓްފޯމެއްގައި ކެމްޕޭނެއް ފަށައިފިއެވެ.

އާޖެންޓީނާއާއި ސްޕެއިން ބައްދަލުކުރި މި ފައިނަލް މެޗު އަލުން ބޭއްވުމަށް އެދި ތައްޔާރުކޮށްފައިވާ މި ޕެޓިޝަނުގައި މިހާތަނަށް 61،500 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.

"Change.org" ޕްލެޓްފޯމް މެދުވެރިކޮށް ގިސޭލާ ސަންޗޭޒް ނަމަކަށް ކިޔާ ސަޕޯޓަރަކު އިސްނަގައިގެން ފެށި މި ޕެޓިޝަނުގައި، ނިއުޔޯކުގައި މިދިޔަ އާދީއްތަ ދުވަހު ކުޅުނު މެޗުގައި ސްލޮވީނިއާގެ ރެފްރީ ސްލާވްކޯ ވިންސިޗް ނިންމި ނިންމުންތަކާ މެދު ވަނީ ސުވާލު އުފައްދާފައެވެ.

އަދި އެ މެޗުގައި ރެފްރީ ނިންމާފައިވާ ނިންމުންތައް އަލުން މުރާޖައާ ކުރުމަށް ފީފާއަށް ވަނީ ގޮވާލާފައެވެ.

މި ކެމްޕޭން ކުރިއަށްގެންދާ ފަރާތުން ތުހުމަތުކުރާ ގޮތުގައި، ރެފްރީގެ ބައެއް ނިންމުންތަކުގެ ސަބަބުން މެޗުގެ އޮޔަވަރަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވެއެވެ.

މީގެ އިތުރުން މެޗުގައި އުސޫލުން ބޭރު ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނެފައިވީ ނަމަވެސް، އެކަން ސާބިތުކޮށްދޭނެ އެއްވެސް ކަށަވަރު ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

އެހެންކަމުން، ފުޓްބޯޅައިގެ މައި އިދާރާއިން މި މެޗުގައި ހިނގާދިޔަ ކަންތައްތައް ތަހުގީގުކުރުމަށް މި ޕެޓިޝަނުގައި ވަނީ އެދިފައެވެ.
ކަންމިހެން ހުރި ނަމަވެސް، މިފަދަ ޕެޓިޝަންތަކަކީ ގާނޫނީ ގޮތުން ނުވަތަ ގަވާއިދުގެ ތެރެއިން އެއްވެސް ބާރެއް އޮތް އެއްޗެއް ނޫނެވެ. އަދި ރަސްމީ މުބާރާތެއްގެ ނަތީޖާ ބަދަލުކުރުމަށް ފީފާގެ މައްޗަށް މީގެ ސަބަބުން އެއްވެސް މަޖުބޫރުކަމެއް ނާންނާނެއެވެ.

ކުޅިވަރުގެ ގަވާއިދުތައް ބުނާގޮތުން، މެޗެއް އަލުން ކުޅުމުގެ ފުރުސަތު އޮންނަނީ ވަރަށް ހާއްސަ އަދި އިސްތިސްނާ ހާލަތްތަކެއް ދިމާވެގެން، ކަމާބެހޭ ގާނޫނީ އިދާރާތަކުން އެކަން ނިންމުމުން އެކަންޏެވެ.