ހިކެން ބޭނުންތަ؟ އެކަމަކު މި ނުބޯތި، ވިއްކުންވެސް މަނާ!
ޓިކްޓޮކް ތަރި ޝެހެނާޒު މޫސާ ވިއްކާ "ހިކޭނެ" ފުޅި ބޭންކޮށްފިނަމަ ސިއްހަތަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުން އެފަދަ ތަނެތި އިޝްތިހާރު ކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.
އެކަމާ ގުޅިގެން އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބަލިބައްޔަށް ފަރުވާއެއް ކަމަށް ނުވަތަ ހަށިގަނޑަށް ބަދަލެއް ގެނެސްދޭ ކަމަށް ދޭހަވާ ގޮތަށް ކާބޯތަކެތި މާކެޓުކުރުމަކީ އާންމުންނަށް އޮޅުންއަރައި، ސިއްޙަތަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެއް ކަމަށެވެ. ޚާއްސަކޮށް ދާއިމީ ބަލިތަކަށް ބޭސްފަރުވާކުރާ މީހުންނާއި، މާބަނޑު މީހުން އަދި ގާތުން ކިރުދޭ މައިންނަށް މިފަދަ ތަކެތީގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާ ބޮޑުކަމަށް ވަނީ ފާހަގަކޮށްފައެވެ.
ކާބޯތަކެތީގެ އުފެއްދުމެއް ކުރިއެރުވުމަށްޓަކައި އެކި މަންސަތަކުގައި މަޢުލޫމާތު ފެތުރުމަކީ ކާބޯތަކެތި އިޝްތިހާރުކުރުމާ ބެހޭ ގަވާއިދުގެ ދަށުން އިޝްތިހާރުކުރުން ކަމުގައި ބެލެވޭނެ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ. ސިއްޙަތަށް ވަކި ފައިދާއެއް ކުރާނެ ކަމަށް ނުވަތަ ވަކި ޚާއްސަ ސިފައެއް އެކުލެވޭ ކަމަށް ދޭހަވާ ގޮތަށް، ޙަގީގަތާ ޚިލާފަށް ކާބޯތަކެތި އިޝްތިހާރުކުރުމަކީ މި ގަވާއިދުގެ ދަށުން މަނާ ކަމެއްކަން އެ އޮތޯރިޓީން ވަނީ ހަނދާންކޮށްދީފައެވެ. އެހެންކަމުން، ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް ހުރިހާ ފަރާތްތަކަށް ވަނީ އަންގާފައެވެ.
Ads by BMLއެ ގަވާއިދުގައިވާގޮތުން އެއްވެސް ބާވަތެއްގެ ކާއެއްޗެއް އިޝްތިހާރު ކުރެވޭނީ އެމްއެފްޑީއޭގެ ހުއްދަ ލިބިގެންނެވެ.
ސާބިތު ނުހިފޭ މަޢުލޫމާތު އެކުލެވޭ އުފެއްދުންތަކަށް ބަރޯސާވުމުގެ ބަދަލުގައި، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ރަނގަޅު އާދަތައް ގެންގުޅުމަށް އެމްއެފްޑީއޭއިން ބާރުއަޅައެވެ. މީގެ ތެރޭގައި މިންހެޔޮކޮށް ކެއުމާއި، ލޮނާއި ހަކުރު ބޭނުންކުރާ މިންވަރު މަދުކުރުމާއި، ގަވާއިދުން ކަސްރަތުކުރުން ހިމެނެއެވެ. ސައްޙަ ނޫން މަޢުލޫމާތުތަކަށް އާންމުން ސަމާލުވުމަކީ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
Ads by MACL
