އަސާސީ ބޭހުގެ 80 އިންސައްތަ ހަމަކުރަން ފާމަސީތަކަށް ހަ މަސްދުވަހުގެ މުއްދަތެއް ދީފި
ބޭސް ފިހާރަތަކުން ލިބެންޖެހޭނެ ކަމަށް ކަނޑައަޅައިފައިވާ އަސާސީ ބޭހުގެ މަދުވެގެން 80 އިންސައްތަ ހަމަކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ފާމަސީތަކަށް ހަ މަސްދުވަހުގެ މުއްދަތެއް ދީފިއެވެ.
ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން އަސާސީ ބޭސް މެދުނުކެނޑި ފޯރުކޮށްދިނުން ކަށަވަރުކުރުމުގެ ގޮތުން، އެމްއެފްޑީއޭއިން ވަނީ އަސާސީ ބޭހުގެ ލިސްޓު މުރާޖާކޮށް އާންމުކޮށްފައެވެ. އަދި ބޭސްފިހާރަތައް ގިންތިކުރުމުގެ އާ އުސޫލެއް ވެސް ވަނީ އެކުލަވައިލައިފައެވެ. މި އުސޫލުގެ ދަށުން ފާމަސީތައް މައިގަނޑު ދެ ގިންތިއަކަށް ވަނީ ބަހައިލައިފައެވެ.
ހޮސްޕިޓަލްތަކުން ބޭރުގައި ހިންގާ އާންމު ފާމަސީތައް ހިމެނެނީ ފުރަތަމަ ގިންތީގައެވެ. މި ގިންތީގެ ފިހާރަތަކުން ކުއްލި ބަލިމަޑުކަމާއި ދިގު މުއްދަތަކަށް ދޭ ފަރުވާތަކުގެ އިތުރުން ރައްކާތެރިކަމުގެ ގޮތުން ދެވޭ 185 ބޭހެއް ލިބެން ހުންނަންޖެހެއެވެ. ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ ތެރޭގައި ހުންނަ ދެވަނަ ގިންތީގެ ފާމަސީތަކުން ސްޕެޝަލިސްޓް ކެއާ އަދި ކްރިޓިކަލް ކެއާ ހިމެނޭހެން ޖުމްލަ 381 ބޭހެއް ލިބެން ހުންނަންޖެހޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.
Ads by BMLމި ބަދަލާއެކު މިހާރު ހިންގަމުންދާ ފާމަސީތަކުން ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ ގިންތީގެ ބޭސްތައް ހަމަކުރަން ޖެހެއެވެ. ނަމަވެސް އަލަށް ރަޖިސްޓަރީކުރާ ތަންތަނަށް ހުއްދަ ދޫކުރާނީ އެ ބޭސްތައް ފުރިހަމައަށް ހުރުމުންނެވެ. ފާމަސީތަކުން ފާއިތުވި ތިން މަހުގެ މައުލޫމާތަށް ބަލައި، އަސާސީ ބޭހުގެ އެއް މަސްދުވަހުގެ ސްޓޮކް ސީދާ ބަހައްޓަންޖެހޭނެ ކަމަށް އާ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
އަސާސީ ބޭސްތައް ހުންނަންޖެހޭ މިންވަރަށް ނުބަހައްޓައިފިނަމަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމައިފައެވެ. އެގޮތުން، މި އުސޫލާ ޚިލާފުވާ ފާމަސީތަކުގެ އޮޕަރޭޓިން ލައިސަންސް 14 ދުވަހަށް ސަސްޕެންޑުކުރެވޭނެއެވެ. މިއީ އާންމު ރައްޔިތުންނަށް ބޭނުންވާ މުހިންމު ބޭސްތައް ހުސްނުވެ ލިބޭނެ މަގު ތަނަވަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
Ads by MACL
