ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނަޝީދު ހާމަކުރީ ނުބައި ނަންބަރުތަކެއް، މުވައްޒަފުން މަދުކުރާ ވާހަކަ ދައްކަނީ އޮޅުވާލައިގެން: މުންދު

ނަޝީދު ހާމަކުރީ ނުބައި ނަންބަރުތަކެއް، މުވައްޒަފުން މަދުކުރާ ވާހަކަ ދައްކަނީ އޮޅުވާލައިގެން: މުންދު

ސަރުކާރު ހިއްސާވާ ކުންފުނިތައް ރައިޓްސައިޒް ކުރުމުގެ ގޮތުން މުވައްޒަފުން މަދުކުރާ އަދަދުތަކާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން ދައްކަމުންދަނީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް އޮޅުވާލައިގެން ދައްކާ ވާހަކަތަކެއްކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދުން 33 އިންސައްތަ މަދުކުރުމަށް މިދިޔަ ހަފުތާގައި އަންގާފައެވެ.

މިކަމާ ގުޅިގެން އެމްޑީޕީން އެކި ގޮތްގޮތަށް ވާހަކަދައްކަމުންދާތީ، އެކަމަށް ރައްދުދެއްވަމުން މުންދު ވިދާޅުވީ ކުންފުނިތައް ރައިޓްސައިޒް ކުރުމަކީ ކޯޕަރޭޓް ވިސްނުމަކުން ތަނެއް އެންމެ ރަނގަޅަށް ހިންގުމަށް ބޭނުންވާނެ އަދަދަށް މުވައްޒަފުން ކަނޑައެޅުން ކަމަށެވެ. އަދި މިއީ ރާއްޖޭގެ ކުރިމަގަށް ބަލާއިރު ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށާއި، މިފަދަ އުނދަގޫ ނިންމުންތަކާ ގުޅިގެން ހިތްހަމަނުޖެހުންތަކެއް އަންނާނެކަން ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މި ފަހުން ޓީވީ ޕްރޮގްރާމެއްގައި ހާމަކުރެއްވި ނަންބަރުތަކަކީ މުޅިން ނުބައި ނަންބަރުތަކެއްކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ކުންފުނިތަކަށް ވެއްދި މީހުންގެ އަދަދުވެސް އޮޅުވާލާފައިވާ ކަމަށެވެ. އެ ސަރުކާރު ނިމުނުއިރު ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދާއި މި ސަރުކާރުގައި އިތުރުވި އަދަދު އަޅާބަލާއިރު، މި ސަރުކާރުގައި އިތުރުވި ނިސްބަތް ވަރަށް ކުޑަކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް މީގެކުރިން ފްލެޓާއި ޑޮލަރުގެ މައްސަލައިގައިވެސް އެމްޑީޕީން މަސައްކަތްކުރި ނަމަވެސް، އެފަދަ ކަންކަމަށް ރައްޔިތުންގެ ތަރުހީބު މިހާރު ނުލިބޭކަން މުންދު ފާހަގަކުރެއްވިއެވެ.

ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމަކީ ސަރުކާރުން ސިއްރުން ކުރާ ކަމެއް ނޫންކަމަށާއި، މީގެ ނަތީޖާއަކަށް ވާނީ އިގުތިސާދަށް ލުޔެއް ލިބި ކުންފުނިތަކުގެ ހިންގުން ހަރުދަނާވުން ކަމަށް ސަރުކާރުން ބުނެއެވެ. ޕީސީބީގެ އެންގުމާ އެއްގޮތަށް މުވައްޒަފުންގެ އަދަދު މަދުކުރުމަށް އެޗްޑީސީ އަދި ފެނަކައިން މިހާރުވެސް ވަނީ އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ. ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދަށް އަންނަ ބަދަލުތައް ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު ޕީސީބީއަށް ފޮނުވަން އަންގާފައިވާއިރު، މި އިރުޝާދުތައް ތަންފީޒުކުރާ މިންވަރު ގާތުން ބަލަމުންދާނެ ކަމަށް އެ ބޯޑުން ވަނީ ބުނެފައެވެ. ރާއްޖޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ އަބަދު ދަރަނީގައި ހިންގި ތަންތަން ނޫންކަމަށާއި، އެ ކުންފުނިތައް ދަރަނިވެރިވީ އެމްޑީޕީގެ ސަރުކާރުތަކުގައި ކަންކުރި ގޮތުން ކަމަށްވެސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.