ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން މިމަހު 31 ގައި: ނިއުރޭޑިއަންޓާއި މާޒިޔާގެ ގަދަހިފުމަކުން!
ދިވެހިރާއްޖޭގެ ފުޓްބޯޅަ ސީޒަން މި މަހުގެ 31 ވަނަ ދުވަހު ފެށުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.
ސީޒަން ހުޅުވާ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ.
ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފުރަތަމަ ފަރިތަކުރުންތައް ފަށާފައިވަނީ ނިއު ރޭޑިއަންޓުންނެވެ.
މާޒިޔާގެ އިތުރުން ބުރު ސްޕޯޓްސް ކްލަބުން ވެސް މިހާރު ވަނީ އާ ކޯޗެއްގެ އިރުޝާދުގެ ދަށުން ފަރިތަކުރުންތައް ފަށައިފައެވެ.
ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގެ އެންމެ ކާމިޔާބު ޓީމަކީ މާޒިޔާއެވެ. އެ ޓީމުން ވަނީ މިހާތަނަށް ހަ ފަހަރު މި ލަގަބު ހޯދާފައެވެ. އެންމެ ފަހުން ބޭއްވި ޝީލްޑް މެޗުގައި ކްލަބް އީގަލްސް 2-0 އިން ބަލިކޮށް މާޒިޔާ އިން ވަނީ 2015، 2016، 2017، 2021، 2023 އަދި 2025 ވަނަ އަހަރު ޝީލްޑް ކާމިޔާބުކޮށް ރެކޯޑެއް ގާއިމުކޮށްފައެވެ.
Ads by BMLއާ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ނިއު ރޭޑިއަންޓުން ވަނީ މުހިންމު ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ.
އޭގެ ތެރޭގައި ކްލަބް ވެލެންސިއާގެ ކެޕްޓަން އީތަން އިބްރާހިމް ޒަކީ އާއި ބުރު ސްޕޯޓްސްގެ މުހައްމަދު ނާއިމްގެ އިތުރުން، ބަންގްލަދޭޝްގެ ބަޝުންދަރަ ކިންގްސް އަށް ކުރިން ކުޅުނު ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ހިމެނެއެވެ.
ނިއު ރޭޑިއަންޓަށް މި ސީޒަނުގައި ވެސް އިރުޝާދު ދޭނީ މިދިޔަ އަހަރު އެ ޓީމަށް އެފްއޭ ކަޕް ކާމިޔާބުކޮށްދިން ސްޕެއިނުގެ ކޯޗު ފްރަންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ) އެވެ. މާޒިޔާގެ އާ ކޯޗު ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޓީމާ ގުޅޭނެ ކަމަށް ބެލެވެއެވެ.
އެފްއޭއެމް އިން ސީޒަން ކަލަންޑަރު ރަސްމީކޮށް އާންމުކޮށްފައި ނުވި ނަމަވެސް، މަޢުލޫމާތު ލިބޭ ގޮތުގައި ދިވެހި ޕްރިމިއާ ލީގު ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުއެވެ. ލީގުގެ ކުރިން ކަޕް ވިނާސް ކަޕް ބޭއްވުމަށް ނިންމާފައިވާއިރު، އަންނަ މަހުގެ 11 ވަނަ ދުވަހު އޭއެފްސީ ޗެލެންޖު ލީގު ކޮލިފައިންގައި މާޒިޔާ ވާދަކުރާނެއެވެ.
Ads by MACL
