ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑީޕީން ހޯހޯ ގޮވަގޮވަ ތިއްބާ ރާއްޖޭގެ ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިންމަނީ

އެމްޑީޕީން ހޯހޯ ގޮވަގޮވަ ތިއްބާ ރާއްޖޭގެ ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިންމަނީ

އިދިކޮޅު އެމްޑީޕީން ސަރުކާރަށް ކަމެއް ނުވެއޭ ކިޔައި ހޯހޯ ގޮވަމުން ދަނިކޮށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި މިހާރު ފެށިފައިވާ ކުޅިވަރު މަޝްރޫޢުތައް ނިމުމާއެކު ރާއްޖޭގެ ކުޅިވަރު އިންފްރާސްޓްރަކްޗަރަށް ބޮޑު ބަދަލެއް އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ. މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޒަމާނީ ފިޓްނަސް ސެންޓަރެއް ޤާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށާއި، ބައެއް ރަށްރަށުގައި މަސައްކަތްތައް ނިމެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަމާޒަކީ އަންނަ އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުންކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ރަށްރަށުގެ އިތުރުން މާލެ ސަރަޙައްދުގައިވެސް ތަފާތު ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ބޮޑެތި ޕްލޭންތަކެއް ސަރުކާރުން ވަނީ އެކުލަވާލާފައެވެ. އެގޮތުން، ސަލްޓަން ޕާކާއި ހުޅުމާލޭގައި އިންޑޯ ގޭމިން ސެންޓަރުތަކެއް ބިނާކުރުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހުޅުމާލޭގައި ރޭސިން އަދި ޑްރިފްޓިން ޓްރެކަކާއި ޒަމާނީ ގޯކާޓް އެރީނާއެއް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، ގާތްގަނޑަކަށް 1،200 މީހުންގެ ޖާގަ ހިމެނޭ މި ތަންތަން 2028 ވަނަ އަހަރުގެ ކުރީކޮޅަށް ނިމޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރާޅުގަނޑު ސަރަޙައްދުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ސާފިން ސްޓޭޑިއަމެއް ޤާއިމުކުރުމާއި، ހުޅުމާލޭގައި އިންޑޯ ބޯލިން އެރީނާއެއް ތަރައްޤީކުރުމުގެ އިތުރުން ފުޓްސަލް އަދި ނެޓްބޯލް ސްޓޭޑިއަމްތައްވެސް ބިނާކުރައްވާނެކަމަށް ވިދާޅުވިއެވެ.

ކުޅިވަރުގެ ވަސީލަތްތައް ހަމައެކަނި ވެރިރަށް މާލެއަށް ޖަމާކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަން ފާހަގަކުރައްވައި، އަތޮޅުތެރޭގައި ޔޫތު ހަބްތައް ޤާއިމުކުރުމަށް ބޭނުންވާ ފައިސާ މިހާރު ދޫކުރައްވާފައިވާކަމަށް ރައީސް ތަކުރާރުކުރެއްވިއެވެ. އެއްބަސްވުންތައް އެކުލަވާލައި، މާލެއާއި ހުޅުމާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ޒުވާނުންނަށް ޚާއްޞަ މަރުކަޒުތައް ހެދުމުގެ މަސައްކަތް ފެށިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ހުރިހާ މަޝްރޫޢުތަކަކީ ހަށިހެޔޮ، ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ މަސައްކަތްތަކެއްކަމަށާއި، މި ކަންކަން ޝެޑިއުލާ އެއްގޮތަށް ފުރިހަމަވެއްޖެނަމަ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުޅިވަރުގެ ދާއިރާއަށް އިންގިލާބީ ކުރިއެރުމެއް އަންނާނެކަމަށް ރައީސް ސިފަކުރެއްވިއެވެ.