ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލަންކާއަށް ޑްރަގް އެތެރެކުރި މައްސަލައެއްގައި ލަންދޫ ހަސަނާއި މާލޭ މީހަކު ހައްޔަރުކޮށްފި!

ލަންކާއަށް ޑްރަގް އެތެރެކުރި މައްސަލައެއްގައި ލަންދޫ ހަސަނާއި މާލޭ މީހަކު ހައްޔަރުކޮށްފި!

ސްރީލަންކާއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި، ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުންނާއި ކޮލޮމްބޯގެ ހޮޓަލަކުން ދެ ދިވެހިން ހައްޔަރުކޮށްފިއެވެ. މި ދެ މީހުންގެ އަތުން އެއް ކިލޯއަށްވުރެ ގިނަ ކްރިސްޓަލް މެތު (އައިސް) ފެނިފައިވާއިރު، އެ މީހުންގެ ބަންދަށް ކޯޓުން ވަނީ 14 ދުވަސް ޖަހައިފައެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ ނ. ލަންދޫ، ނިރު، އުމުރުން 40 އަހަރުގެ ހަސަން އަބްދުﷲއެވެ. ލަންކާގެ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ރޭ އޭނާ ހައްޔަރުކުރީ ރާއްޖެ މަގުން ލަންކާއަށް ގޮސް އެއާޕޯޓުގައި ހުއްޓައެވެ. ފުލުހުންނާ ހަވާލާދީ ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާ ހައްޔަރުކުރީ ހަށިގަނޑުގައި ބަނދެގެން 602 ގްރާމްގެ އައިސް އެ ގައުމަށް އެތެރެކުރަން އުޅެނިކޮށެވެ.

ހަސަން އަބްދުﷲ ހައްޔަރުކޮށް ސުވާލުކުރުމުން، އޭނާ އެތެރެކުރި މަސްތުވާތަކެއްޗަކީ ލަންކާގައި ފުޅާ ދާއިރާއެއްގައި މި ވިޔަފާރިކުރާ މީހަކަށް ހަވާލުކުރުމަށް ގެންދިޔަ ތަކެތިކަމަށް ވަނީ ބުނެފައެވެ. އޭނާ ދިން މައުލޫމާތުގެ އަލީގައި، ކޮލޮމްބޯގެ ހޮޓަލެއްގައި ހުރި އުމުރުން 28 އަހަރުގެ ހ. ޕަލްމެއިރާ، މުހައްމަދު ޝާފީ ބިން އަހުމަދު ވަނީ ހައްޔަރުކޮށްފައެވެ. ލަންކާގެ ފުލުހުން ބަލައިފާސްކުރިއިރު، ޝާފީ ހުރި ކޮޓަރީގެ ތެރެއިން އިތުރު 607 ގްރާމްގެ އައިސް ވަނީ ފެނިފައެވެ.

މި ދެ މީހުންގެ އަތުން ޖުމްލަ 1.2 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު، މި މައްސަލައިގެ ތަހުގީގު ލަންކާގެ ފުލުހުން އަންނަނީ ކުރިއަށްގެންދަމުންނެވެ. ތަހުގީގުގެ ބޭނުމަށް، ނިގޮމްބޯ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހަސަން އަބްދުﷲ އާއި ޝާފީ އިތުރު 14 ދުވަހަށް ބަންދުގައި ބޭތިއްބުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.