ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަމީނީ މަގުގެ ތާރުގަނޑު މަރާމާތުގެ އަމަލީ މަސައްކަތް އަންނަ ހަފުތާގައި ފަށަނީ

އަމީނީ މަގުގެ ތާރުގަނޑު މަރާމާތުގެ އަމަލީ މަސައްކަތް އަންނަ ހަފުތާގައި ފަށަނީ

ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްފަހު އާންމުންނަށް ހުޅުވާލިތާ ކުރު މުއްދަތެއްގެ ތެރޭގައި އަމީނީ މަގުގެ ތާރުގަނޑު އުފުލި، އެ މަގު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައިވާތީ، އެ މަގު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ޖެނަރަލް މެނޭޖަރު އިބްރާހީމް ހަސަން ހާމަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވިޒާރާއިން މިދިޔަ މަހުގެ 15 ވަނަ ދުވަހު ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ.

އަމީނީ މަގުގެ ގިނަ ސަރަޙައްދުތަކެއްގެ ތާރުގަނޑު ހަލާކުވެފައިވާއިރު، އެންމެ ބޮޑަށް ހަލާކުވެފައިވަނީ އެ މަގުގެ ހުޅަނގު ފަރާތުގެ ސަރަޙައްދެވެ. މި ފަހަރު ކުރިއަށްގެންދާ މަރާމާތުގެ ތެރެއިން ތާރުގަނޑު ރަނގަޅުކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުގައި ފިޝިން ޕްލެޓްފޯމެއް އެޅުމުގެ މަސައްކަތްވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ.

ނިމިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ 1.79 ކިލޯމީޓަރުގެ އަމީނީ މަގު ތަރައްޤީކުރުމުގެ މުޅި މަޝްރޫޢު ނިންމާލާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.

މަގުގެ ތާރުގަނޑަށް މިހާ އަވަހަށް މައްސަލަތަކެއް ދިމާވާން މެދުވެރިވި މައިގަނޑު ސަބަބެއްކަމަށް ޓެކްނިކަލް މާހިރުން ބުނަނީ، ތާރު އެޅުމަށްފަހު އެކަށީގެންވާ ވަރަށް ނުހިކެނީސް އުޅަނދުފަހަރަށް މަގު ހުޅުވާލުމެވެ.

މީގެ ކުރިން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާއި، މިދިޔަ އަހަރުގެ ކުރީކޮޅުވެސް އެ މަގުގެ ބައެއް ސަރަޙައްދުތައް މަރާމާތުކުރުމުގެ މަސައްކަތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.