އާރްޑީސީއަށް އެއްކަމެއް ވެސް ނުކުރެވޭ ކަމަށް އެމްޑީޕީން ބުނަމުން ދަނިކޮށް ވެލިދޫ ކުޑަކުދިންގެ ޕާކް އެއްކޮށް ނިންމާލައިފި
ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ނ. ވެލިދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކުގެ ހުރިހާ މަސައްކަތެއް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އެއްކޮށް ނިންމާލައިފިއެވެ.
ވެލިދޫގެ ދެކުނު އަވަށުގައި ތަރައްޤީކޮށްފައިވާ މި ޕާކުގެ މަސައްކަތްތަކުގެ ތެރޭގައި ލޭންޑް ސްކޭޕިންގ އަދި ހާޑް ސްކޭޕިންގ މަސައްކަތްތަކުގެ އިތުރުން، ޕާކު ސެޓުތައް އިންސްޓޯލްކުރުން ހިމެނެއެވެ. މި މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 581,850.00 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުން އާރުޑީސީއާއެކު ސޮއިކޮށްފައިވަނީ 29 މާރިޗު 2025 ގައެވެ.
އާރުޑީސީން މައުލޫމާތު ދޭގޮތުގައި، މި ޕާކުގެ ސަބަބުން ރަށުގެ ކުޑަކުދިންނާއި އާއިލާތަކަށް ހިތްފަސޭހަ އަދި ރައްކާތެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރިހަމަ ފުރުސަތު ލިބިގެންދާނެއެވެ. އަދި އާންމުންނަށް ބޭނުންކުރެވޭނެ ފަދަ ފުރިހަމަ ހާލަތަކަށް ޕާކުގެ އަމަލީ މަސައްކަތްތައް މިހާރު ވަނީ ގެނެވިފައެވެ.
މި ޕާކަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެލިދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމާއެކު، ވެލިދޫގެ އިޖުތިމާއީ މާހައުލަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.
Ads by MACL
