ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސައިކަލް މަތީ އޮށޯވެގެން ބުރިޖުމަތީ ދުއްވުމުން ތިން ސައިކަލެއް ޓޯކޮށްފި

ސައިކަލް މަތީ އޮށޯވެގެން ބުރިޖުމަތީ ދުއްވުމުން ތިން ސައިކަލެއް ޓޯކޮށްފި

ސިނަމާލޭ ބްރިޖުގެ ހައިވޭގައި އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް އަދި ބާރު ދުވެލީގައި ދުއްވި ތިން ސައިކަލެއް މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ ސިނަމާލޭ ބްރިޖުގެ ހައިވޭ މަތީގައި ބާރު ދުވެލީގައި ހަތަރު ސައިކަލެއް ދުއްވާފައިދާ މަންޒަރެވެ. އޭގެ ތެރެއިން ތިން ސައިކަލެއް ދުއްވަން ތިބި މީހުން ސައިކަލު މަތީ ބަނޑު އަޅައި، އޮށޯވެގެން ބާރު ދުވެލީގައި ދުއްވާފައިދާ މަންޒަރު ފެންނައިރު، މިއީ މަގުމަތީގެ ރައްކާތެރިކަމަށް ބަލާއިރު އިންތިހާއަށް ނުރައްކާތެރި އަމަލެކެވެ. މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ވިދާޅުވީ، އެ ވީޑިއޯގައި ހިމެނޭ ތިން ސައިކަލެއް މިއަދުން ފެށިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް، މި މައްސަލައިގައި ސައިކަލު ދުއްވި ފަރާތްތަކާ މެދު އެޅި ފިޔަވަޅެއް ނުވަތަ އެ މީހުން ޖޫރިމަނާކުރިކަން ނުވަތަ ނޫންކަން ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާރު ދުވެލީގައި އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި، ގިނަ ބައެއްގެ ފުރާނައަށް ވަނީ ނުރައްކާވެފައެވެ. މިފަދަ ހާދިސާތަކުގައި ބައެއް މީހުން މަރުވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ޒުވާނުންކަން ފާހަގަކޮށްލެވެއެވެ. ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ވައްކަމުގެ މައްސަލަތަކަށް ފަހު މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް އެކަނި ވެސް ޓްރެފިކް އެކްސިޑެންޓުތަކާ ގުޅޭ 1751 މައްސަލައެއް ފުލުހުންގެ އިދާރާއަށް ވަނީ ހުށަހަޅައިފައެވެ.