ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބޮޑުތަކުރުފާނުމަގުގެ ފަހު ސެގްމެންޓް ތަރައްގީކުރަނީ ދުބާއީ ފެންވަރަށް، އެމްޑީޕީއަކަށް ހަޖަމެއް ނުވާނެ!

ބޮޑުތަކުރުފާނުމަގުގެ ފަހު ސެގްމެންޓް ތަރައްގީކުރަނީ ދުބާއީ ފެންވަރަށް، އެމްޑީޕީއަކަށް ހަޖަމެއް ނުވާނެ!

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކުރެއްވި މައުލޫމާތުތަކުގައި ރައީސް ވިދާޅުވީ، މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ދެން ތަރައްޤީކުރަން ހަމަޖެހިފައިވަނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާއި ހަމައަށް އޮންނަ ސަރަޙައްދު ކަމަށެވެ.

އިމާރާތްކުރުމާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، މި ސަރަޙައްދުގެ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެއެވެ. މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއް މިހާރު ވަނީ ތަރައްޤީކޮށް ނިންމާފައެވެ. އެގޮތުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް އޮންނަ 1.145 ކިލޯމީޓަރުގެ ސަރަޙައްދު ތަރައްޤީކޮށްފައިވަނީ ހަތަރު ލޭނަށް މަގު ފުޅާކޮށް، ފަޅުތެރެއިން ބައެއް ހިއްކައިގެންނެވެ. މި މަގުގައި ތާރުއެޅުމުގެ އިތުރުން ދުވާރާއި ފެންހިންދާ ނިޒާމު ޤާއިމުކޮށް، 500 ސައިކަލު ޕާކުކުރެވޭނެ ޖާގަ ވެސް ވަނީ ހަމަޖައްސާފައެވެ.

މި މަޝްރޫޢުގެ ފަހު ސެގްމެންޓް ތަރައްޤީކުރުމަށް ރާވާފައިވާ ގޮތް ދައްކުވައިދޭ ތްރީޑީ ވީޑިއޯއެއް ރައީސް ވަނީ އާންމުކުރައްވާފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، އެ ސަރަޙައްދު ތަރައްޤީކުރަނީ ބައިނަލްއަޤްވާމީ ފެންވަރުގެ ވަސީލަތްތަކާއި ޒަމާނީ ފެންވަރާ އެއްގޮތަށެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ދުބާއީ ފަދަ ގައުމުތަކުގެ ފެންވަރަށެވެ.

މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ނިންމައި ނޮވެމްބަރު މަހު އާންމުންނަށް އެ ސަރަޙައްދު ހުޅުވާލުމަށްޓަކައި ބާރު ސްޕީޑުގައި މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީން ރައީސް މުއިއްޒަށް އެއްވެސް ތަރައްގީއެއް ނުގެނެސްދެވޭކަމަށް ބުނާއިރު، ދުވަހަކު ވެސް ރާއްޖެ ނާންނަ މިވަރުގެ ތަރައްގީއެއް ގެނައުމަކީ އެ ޕާޓީއަށް ހަޖަމު ކުރެވޭނެ ކަމެއް ނޫންކަން ކަށަވަރެވެ.