ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސުޕްރީމް ކޯޓު ފިޔަވައި މާލޭގެ ހުރިހާ ކޯޓެއް އެއް ފުރާޅެއްގެ ދަށަށް ގެންނަ ބިޔަ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

ސުޕްރީމް ކޯޓު ފިޔަވައި މާލޭގެ ހުރިހާ ކޯޓެއް އެއް ފުރާޅެއްގެ ދަށަށް ގެންނަ ބިޔަ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

ސުޕްރީމް ކޯޓު ފިޔަވައި، މާލޭގައި ހުރި އެހެނިހެން ހުރިހާ ކޯޓުތަކެއް އެއް ތަނަކުން ހިންގުމަށް ބިނާކުރާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 720 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހައުސިން މިނިސްޓްރީއާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޔޫސުފް ޢަބްދުލްޣަފޫރެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢުދީއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި، ސެންޓްރަލް ޕާކާ އިންވެގެން އޮތް ސަރަހައްދުގައި ތަރައްގީކުރާ މި ކޯޓު ކޮމްޕްލެކްސްއަކީ 14 ބުރީގެ އިމާރާތެކެވެ. ހައުސިން މިނިސްޓްރީން ހާމަކުރި ގޮތުގައި، މި އިމާރާތުގައި ޑީޖޭއޭގެ އިތުރުން ހައިކޯޓާއި، ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓާއި، ފެމިލީ ކޯޓާއި، ޑްރަގް ކޯޓުގެ އިތުރުން ޖުވެނައިލް ކޯޓު ހިމެނޭނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އޮފީސް އިމާރާތް ވެސް މި އިމާރާތުގައި ގާއިމްކުރާނެއެވެ. ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީކުރާ މި ކޮމްޕްލެކްސް ފަރުމާކޮށްފައިވަނީ ފަނޑިޔާރުންނާއި އާންމު ރައްޔިތުންނަށް ވެސް ލުއިފަސޭހަ އިންތިޒާމުތަކެއް ހިމެނޭ ގޮތަށެވެ.

ކޯޓުތަކުގައި މައްސަލަތައް ނުނިމި ފުނިޖެހިފައި ހުރުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކޯޓުތަކުގެ ޖާގައިގެ ދަތިކަމަކީ މައްސަލަތައް އަވަހަށް ކުރިއަށް ގެންދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކުރައްވައިފައެވެ. ސަރުކާރުގެ އަމާޒަކީ މި މަޝްރޫއުގެ ތެރެއިން ކޯޓުތަކުގެ ގާބިލުކަން އިތުރުކޮށް، ޖާގައާއި ވަސީލަތްތައް ފަހިކޮށްދިނުމެވެ.

މިއީ އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް އެ ޕާޓީއަށްކޮށްދެވުނު ކަމެއް ނޫނެވެ.