ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޣައްޒާ ދެމުންދާ ހަމަލާތައް ހުއްޓުވުމުގެ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

ޣައްޒާ ދެމުންދާ ހަމަލާތައް ހުއްޓުވުމުގެ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް  ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްޢަޤްވާމީ މުޖްތަމަޢަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހައްދުފަހަނައެޅި ޔަޙޫދީން ޣައްޒާގެ ކުށެއްނެތް އެތައް ބަޔަކަށް އަމާޒުކޮށްގެން ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

އަދި ހައްދުފަހަނަ އެޅި ޔަޙޫދީން ޣައްޒާގެ ނަޞްލު ހޭދުކުރަން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓުވުމަކަށް ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށް ރައީސުލްޖުމްހޫރިއްޔާވަނީ ގޮވާލައްވާފައެވެ. މީގެއިތުރުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އެއްގޮތަށް ޣައްޒާ ރައްޔިތުންގެ ފުރާނަ ހިމާޔަތް ކުރުމަށް ރައީސްވަނީ ގޮވާލައްވާފައެވެ. އަދި އިސްރާޢީލުގެ މިޢަމަލުތަކުގެ ޒިންމާ އެމީހުން ނަގަންޖެހޭނެކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އދ. 79 ވަނަ އާންމު މަޖިލީހުގެ ޖަލްސާގައިރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޤުރީރުގައިވެސްވަނީ ޔަހޫދީން ޢައްޒާގައި ހިންގަމުންދާ ޤަތުލްޢާއްމު މިހާރުން މިހާރަށް ހުއްޓުވައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް ދިނުމަށް މުޅި ދުނިޔެއަށް ގޮވާލައްވާފައެވެ. އަދި ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ރާއްޖޭގެ ފުރިހަމަ ތާޢީދު އަބަދުވެސް އޮންނާނެކަން ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޔަހޫދީން ވަނީ ޣައްޒާއަށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން ބުރާސްފަތި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ޔަހޫދީން ވަނީ ޣައްޒާގެ އެތައް ސަތޭކަ ރައްޔިތުންނެއް ޝަހީދު ކޮށްލާފައެވެ. މިއީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ވި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުން ރޫޅުނު ފަހުން ދީފައިވާ އެންމެ ވަރުގަދަ ޙަމަލާތަކެވެ.