އެމްޑީޕީގެ ވެރިކަމުގައި ގެންގުޅުނީ ޕްރޯ އިސްރާއީލު ސިޔާސަތެއް: ރައީސް މުއިއްޒު
އިދިކޮޅު އެމްޑީޕީގެ ވެރިކަންތަކުގައި ރާއްޖެއިން އިސްރާއީލާއެކު ގުޅުން ބާއްވައި ޕްރޯ އިސްރާއީލު ސިޔާސަތެއް ގެންގުޅެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ "މޯލްޑިވްސް ފަސްޓް" ސިޔާސަތުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދިވެހިރާއްޖެއިން އެންމެ އިސްކުރާނީ ދިވެހި ގައުމު ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމު ހުއްޓުމަކަށް ނާންނަހާ ހިނދަކު އިސްރާއީލު ފިޔަވައި އެހެން ހުރިހާ ގައުމަކާއެކު ރާއްޖެއިން ގުޅުން ބާއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހި ރައްޔިތުންގެ އިޙުސާސްތަކާ އެއްގޮތަށް އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ފަޚުރުވެރިކަމާއެކު ނިންމި ނިންމުމެއް ކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.
ކުރީގެ ސަރުކާރުތަކުގެ ޚާރިޖީ ސިޔާސަތަށް ފާޑުވިދާޅުވަމުން ރައީސް މުޢިއްޒު ވަނީ، އެމްޑީޕީގެ ވެރިކަމުގައި ޢަރަބި އިސްލާމީ ގައުމުތަކާ ދުރުވެގަތް ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ދިވެހިންނާ ބީރައްޓެހި އަދި ދިވެހިން ގަބޫލުކުރާ ގޮތް ނޫން ކަމަށް ވިދާޅުވެ، އެމްޑީޕީން ތަންފީޒުކުރީ އިސްރާއީލަށް ތާއީދުކުރާ ސިޔާސަތެއްކަން ތާރީޚުން ފެންނަން އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
Ads by BMLމެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި އަނިޔާވެރިކަމަކީ ދިވެހިންނާއި މުޅި ދުނިޔެ ގަބޫލުކުރާ ހަމައެއް ނޫންކަން ބަޔާންކުރައްވަމުން، ރާއްޖެއިން އަބަދުވެސް ގޮވާލާނީ ސުލްހައަށް ކަމަށް ރައީސް ވިދާޅުވިއެވެ. ހަނގުރާމަތަކާ ދެކޮޅަށް ދިވެހިރާއްޖެއިން އަޑުއުފުލައި، ބައިނަލްއަގުވާމީ މައިދާނުގައި ސުލްހަ އިސްކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
Ads by MACL
