ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބީއެމްއެލްގެ އިތުރު 103 އޭޓީއެމް ބަހައްޓާ، އަންނަ އަހަރުގެ ނިޔަލަށް އޭޓީއެމް ޚިދުމަތް މުޅި ރާއްޖެއަށް

ބީއެމްއެލްގެ އިތުރު 103 އޭޓީއެމް ބަހައްޓާ، އަންނަ އަހަރުގެ ނިޔަލަށް އޭޓީއެމް ޚިދުމަތް މުޅި ރާއްޖެއަށް

މުޅި ރައްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އިފްތިތާހުކޮށްފިއެވެ.

މި މަސައްކަތް އިފްތިތާހުކޮށްދެއްވީ މިކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް.ގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެކަމަށްޓަކައި ޚާއްސަ އެއްބަސްވުމެއްގައި އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބޭންކު އޮފް މޯލްޑިވްސް ދެމެދު ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި އިޤްތިސާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މުޙައްމަދު ސައީދެވެ. އަދި ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޝަރީފެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ މި މަޝްރޫޢުގެ ދަށުން އދ. އޮމަދޫގައި ބަހައްޓާފައިވާ އޭޓީއެމް އިފްތިތާހުކޮށްފައެވެ. މިއީ މި މަޝްރޫޢުގެ ދަށުން ޤާއިމުކުރި ފުރަތަމަ އޭޓީއެމްއެވެ. އަދި ބީއެމްއެލްއިން ރާއްޖޭގައި ބަހައްޓާފައިވާ 150 ވަނަ އޭޓީއެމްއެވެ. މި އޭޓީއެމް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި ރަސްމިއްޔާތުގައި އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މުޅި ރާއްޖެއަށް ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފުޅާކުރުމުގެ އިތުރުން ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ.

"ޖުމްލަ 103 އޭޓީއެމް ބެހެއްޓިގެންދާނެ، މާލީ ބައިވެރިވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންވާނެ،"ވަޒީރު ސައީދު ވިދާޅުވިއެވެ.