ދައުރު ނިމުމުގެ ކުރިން ފްލެޓްތައް ނިންމައި ހައްގުވެރިންނާ ހަވާލުކުރާނަން: ރައީސް
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫޢުތަކެއް ނިންމައި ޙައްޤުވެރިންނާ ޙަވާލުކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް، ސަރުކާރެއްގެ އެއް ދައުރުގެ ތެރޭގައި މަޝްރޫޢުތައް އެއްކޮށް ނިންމައި ރައްޔިތުންނާ ޙަވާލުކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. އަދި މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދިނުމަކީ އެމަނިކުފާނުގެ އެންމެ މުހިންމު ރިޔާސީ ވަޢުދުކަން ވެސް ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބޮޑެތި މަޝްރޫޢުތަކެއް ރޭވިފައިވާއިރު، ރަސްމާލެއިން 15،000 ގޯތި އަދި މާލެ ސަރަޙައްދުން 7،800 ފުލެޓު ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ. މި މަޝްރޫޢުތަކަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ މަހުގެ 15 އަށް ހަމަވެފައިވާއިރު، ގޯއްޗާއި ފުލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު މި އަހަރު ނިމުމުގެ ކުރިން އިޢުލާނުކުރައްވާނެ ކަމަށް ރައީސް ތަކުރާރުކުރެއްވިއެވެ. މީގެ އިތުރުން، ބައެއް ފުލެޓުތައް އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ވެސް ކަމާބެހޭ ކުންފުނިތަކާ ޙަވާލުކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
Ads by BMLކުރީގެ ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ވެސް ހުއްޓުމެއްނެތި ކުރިއަށްދާކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. އެގޮތުން، ފަޅުން ދޫކޮށްފައިވާ ގޯތިތައް އޭގެ ޙައްޤުވެރިންނާ ޙަވާލުކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަން ފާހަގަކުރައްވައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކުރި ހުރިހާ ގޯއްޗެއް ޙަވާލުކޮށް ނިމިފައިވާކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ހުޅުމާލޭގެ ތިންވަނަ ފިޔަވައްސާއި ގުޅީފަޅުން ދޫކޮށްފައިވާ ގޯތިތައް ޙަވާލުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށާއި، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިމޭނެކަމަށް ވެސް ރައީސް މުޢިއްޒު ވަނީ އިޢުލާނުކުރައްވާފައެވެ.
Ads by MACL
