މާލެއަށް އުދައަރައި ފެންބޮޑުވުމުގެ ސަބަބުން އާންމުންގެ މުދަލަށް ގެއްލުންވެއްޖެ
މިއަދު މެންދުރުގެ ވަގުތުގައި ދިޔަވަރު ބޮޑުވުމާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކަށް އުދައަރައި، މަގުތަކުގައި ފެންބޮޑުވެ އާންމުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިސާގައި އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ މާލޭގެ ރާޅުގަނޑު ސަރަހައްދަށާއި އިންޑަސްޓްރިއަލް ވިލެޖަށެވެ.
މިއަދު މެންދުރު 11:53 ހާއިރު ދިޔަވަރު އެންމެ ބޮޑުވި ވަގުތާ ދިމާކޮށް އެރި އުދައިގެ ސަބަބުން އިންޑަސްޓްރިއަލް ވިލެޖަށް ލޮނުގަނޑު ވަދެ، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލުތައް ވެއްޓި ލޮނުގެ ތެރޭގައި އޮތްކަން ވަނީ ހާމަވެފައެވެ. މީގެ އިތުރުން، ބޮޑުތަކުރުފާނު މަގަށާއި ރަސްފަންނު ސަރަހައްދަށް ވެސް ރާޅު އަރައި، މަގުމައްޗަށް ގަލާއި ވެލި ފެތުރިފައިވުމުން ދަތުރުފަތުރުކުރުމަށް ވަނީ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ.
އުދައެރުމުގެ ސަބަބުން މަގުތަކުގައި ބޮޑުވި ފެން ހިންދުމާއި، ގަލާއި ވެލި ސާފުކުރުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން މިހާރު ދަނީ ކުރަމުންނެވެ. އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ދަނީ މެދުކެނޑުމެއްނެތި ހަރަކާތްތެރިވަމުންނެވެ.
Ads by BMLމޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި މިއަދު ދިޔަވަރު ބޮޑުވި ވަގުތު 0.74 މީޓަރަށް ލޮނުގަނޑު އުފުލިފައިވެއެވެ. އަދި މާދަމާ މެންދުރު 12:28 ހާއިރު ދިޔަވަރު މިއަށްވުރެ ބޮޑުވެ، 0.79 މީޓަރަށް އުފުލޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި ދުވަސްވަރު ކަނޑުގެ ރާޅުތައް 2 ފޫޓާއި 4 ފޫޓާ ދެމެދުގެ އުސްމިނެއްގައި ހުންނާނެ ކަމަށާއި، މާލެ ސަރަހައްދަށް ވައި ޖެހެމުންދަނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރު ކުރުމުގެ ފުރުސަތު އޮންނާނެކަމަށް ލަފާކުރެވޭތީ، މުދަލާއި ތަކެތި ރައްކާތެރިކުރުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ.
Ads by MACL
