ފިޓްނަސް އިންސްޓްރަކްޓަރު އުމްރާގެ އިންޒާރު: "ހިކޭނެ" ސައިފަތް ފުޅި ބޭނުންކޮށްފިނަމަ ކިޑްނީ އާއި ލިވާގެ މައްސަލަ ޖެހިދާނެ
ޓިކްޓޮކް ތަރިން ކަމަށްވާ ޝެހެނާޒް މޫސާ އާއި މަރިޔަމް ރުހުޝާ (ރޭޑިއޯ) ގަދަޔަށް އިޝްތިހާރުކޮށްގެން ވިއްކަމުންދާ ބަރުދަން ލުއިކުރާ ސައިފަތް ފުޅިއަކީ ސިއްހަތަށް ނުރައްކާތެރި އެއްޗެއްކަން ފާހަގަކޮށް ފިޓްނަސް އިންސްޓްރަކްޓަރު އުމްރާ ހުސައިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ސައިންޓިފިކް އެއްވެސް ހޯދުމެއް ނެތް މި ސައިފަތް އިޝްތިހާރުކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) މިހާރު ވަނީ މަނާކޮށްފައެވެ.
ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯ އިންޓަވިއުއެއްގައި އުމްރާ ބުނީ، މީހާ ބަލިވުމުންވެސް ބަރުދަން ލުއިވާ ކަމަށާއި، ނުރައްކާތެރި ގޮތްގޮތަށް ބަރުދަން ލުއިކުރުމަކީ ސިއްހަތަށް ފައިދާހުރި ކަމެއް ނޫން ކަމަށެވެ. މިގޮތުން އޭނާ ދެއްކި މިސާލެއްގައި، މަޔޮނައިސް، ކޯކު، ހަވާދު، ކުނިވެފައި އޮތް ބިހެއް އަދި ކުނިވެފައިވާ ކުކުޅު މަސްކޮޅެއް މިކްސަރަށް އަޅައި ގިރައިގެން ބުއިމުންވެސް މީހާ ބޭރަށް ހިނގާ ބަލިކަށިވެ، ނަތީޖާއެއްގެ ގޮތުން ބަރުދަން ލުއިވެދާނެ ކަމަށް ބުންޏެވެ. މީގެ އިތުރުން ބޭރަށް ހިނގާ ބޭސް ކެއުމަކީ ވެސް މީހާ ހިކިދާނެ ކަމެއްކަން ފާހަގަކޮށް، އޭނާ ވަނީ މިފަދަ ސައިފަތް ފުޅި ބޭނުންކުރުމުގެ ނުރައްކާތެރިކަން އާންމުންނަށް ހާމަކޮށްދީފައެވެ.
އެ ސައިފަތް ބޭނުންކުރާ ފުރަތަމަ ދުވަސްކޮޅުގައި ރަނގަޅު ނަތީޖާއެއް ފެނުނު ކަމުގައި ވިޔަސް، އޭގެ ސަބަބުން ފަހުން ފުރަމޭ (ލިވާ) އަދި ގުރުދާ (ކިޑްނީ) ގެ ބޮޑެތި މައްސަލަތައް ދިމާވާ ކަމަށް އުމްރާ ބުންޏެވެ. އަދި ހަށިގަނޑުން ފެން މަދުވެ ޑީހައިޑްރޭޓްވުމުގެ ސަބަބުން ސިއްހީ އިތުރު މައްސަލަތަކަށް މީހާ ހުށަހެޅިގެންދިއުމުގެ ފުރުސަތު ބޮޑުކަން ވެސް އޭނާ ފާހަގަކުރިއެވެ.
Ads by BMLސިއްހަތަށް ގެއްލުންދެނިވި މިފަދަ ފުޅިއެއް 300 ރުފިޔާއަށް ގަތުމަށްވުރެ، ކޮންމެ ދުވަހަކުވެސް ހިތްވަރުކޮށްލާފައި 30 މިނެޓު ވަންދެން ކަސްރަތަށް ހިނގާލަން ދިޔުން މާ ރަނގަޅުވާނެ ކަމަށް އުމްރާ ލަފާދިނެވެ. ސައިންޓިފިކް ހެކިތަކެއް ނެތް މިފަދަ އުފެއްދުންތައް ބޭނުންކުރުމުން މީހާގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތަކަށް ވެއްޓިދާނެކަމުގެ އިންޒާރު ސިއްހީ މާހިރުންނާއި ކަމާބެހޭ އިދާރާތަކުން އަންނަނީ ކެނޑިނޭޅި ދެމުންނެވެ.
Ads by MACL
