ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޖަޕާނުގެ އެހީގައި ވިލިމާލޭގައި ތަރައްގީކުރި އެމްއާރުސީސީގެ އާ އިމާރާތް ރައީސް މުއިއްޒު ހުޅުވައިދެއްވައިފި

ޖަޕާނުގެ އެހީގައި ވިލިމާލޭގައި ތަރައްގީކުރި އެމްއާރުސީސީގެ އާ އިމާރާތް ރައީސް މުއިއްޒު ހުޅުވައިދެއްވައިފި

ޖަޕާނު ސަރުކާރުގެ އެހީގައި ވިލިމާލޭގައި ތަރައްގީކުރި ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު، އެމްއާރުސީސީގެ އައު އިމާރާތް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

މި މަރުކަޒު ހުޅުވުމަށް ވިލިމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ބައިވެރިވެވަޑައިގަތެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޖަޕާނު ސަފީރު ވަނީ ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޖަޕާނުން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެމްއާރުސީސީގެ އައު އިމާރާތަކީ 23 ޖޫން 2022 ގައި ބިންގާ އެޅުނު އިމާރާތެކެވެ. ނަމަވެސް އެކި ސަބަބުތަކާ ގުޅިގެން މި މަސައްކަތް ލަސްވެފައި ވަނިކޮށް، މި ސަރުކާރުން ވަނީ މަސައްކަތް އަވަސްކޮށް، އިމާރާތް ނިންމައި ޚިދުމަތް ދޭން ފަށާފައެވެ. މިއީ ކޯސްޓްގާޑުގެ ގާބިލުކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރެވުނު ވަރަށް މުހިންމު މަސައްކަތެއްކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.

މި އިމާރާތް ތަރައްގީކުރުމުގެ މަޝްރޫއަކީ ޖަޕާނު ސަރުކާރުގެ އެހީގެ ދަށުން ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް، ޔޫއެންއޯޑީސީ އާ ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މީގެ އިތުރުން، މި މަރުކަޒަށް ބޭނުންވާ ޒަމާނީ އާލާތްތައް ހޯދުމުގައި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަން ލިބިފައިވާކަމަށްވެސް ގައުމީ ދިފާއީ ބާރުން ހާމަކޮށްފައިވެއެވެ. އައު އިމާރާތުގައި ޒަމާނީ އޮޕަރޭޝަންސް ރޫމަކާއި، ތަމްރީނުތަކަށް ބޭނުންވާ ކިލާސްރޫމްތަކުގެ އިތުރުން އޮޑިޓޯރިއަމެއް ހުރެއެވެ.

އެމްއާރުސީސީއަކީ ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ މަސައްކަތް ވިލަރެސްކުރާ މައި މަރުކަޒެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އެމްއާރުސީސީއަށް 3،713 ހާދިސާއެއް ރިޕޯޓުކޮށްފައިވާއިރު، 8،359 މީހުންގެ ފުރާނަ ސަލާމަތްކުރުމުގައި އެ މަރުކަޒުން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ މި ޚިދުމަތް ފެށުނީ ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް، ޖީއެމްޑީއެސްއެސްގެ ނަމުގައެވެ. 2006 ވަނަ އަހަރުގެ ޖަނަވަރީ މަހު ވިލިމާލޭގައި އެ އޮޕަރޭޝަން ސެންޓަރު ހުޅުވުމަށްފަހު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކޮށް އެއް ފުރާޅެއްގެ ދަށުން ވިލަރެސްކުރުމަށްޓަކައި، 27 ޖުލައި 2012 ގައި އެ މަރުކަޒުގެ ނަން މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.