ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިނިވަންދުވަހު ސިފައިން ހުށަހެޅި މޫސީގީ ތަމުސީލު ’މިނިވަންކަން‘

މިނިވަންދުވަހު ސިފައިން ހުށަހެޅި މޫސީގީ ތަމުސީލު ‘މިނިވަންކަން’

ޢަބްދުﷲ ސަޢީދު

ދިވެހިރާއްޖޭގެ މިނިވަކަމަށް 61 އަހަރު ފުރުނު ފަޚުރުވެރި މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ހިމެނުނު މައިދާނީ ކުޅިވަރުތަކުގައި ދިވެހި ސިފައިން ހުށަހެޅި މޫސީގީ ތަމުސީލަކީ މީލާދީން 12 ވަނަ ގަރުނުގައި ހިނގާފައިވާ ހަނގުރާމަތަކެއްގެ މައްޗަށް ކުޅެފައިވާ ތަމުސީލެކެވެ.

މި ތަމުސީލު ބިނާކޮށްފައި ވަނީ އޭރު އިރު ދެކުނު އިންޑިއާގެ ބޮޑު ސަރަހައްދަކާއި ސިލޯނު ހިފައިގެންތިބި އަދި އަސޭކަރައާ ހަމައަށް އެބައެއްގެ ނުފޫޒު ފޯރުވާފައިވާ ޗޯޅާއިން ދިވެހިރާއްޖެ ހިފުމަށް ކުރި ހަނގުރާމައާއި ޗޯޅާއިންގެ އަންބަރާތޫރުގެ ދަށަށް އޭރު ރާއްޖޭގެ އެންމެ އުތުރުގައި އޮތް ދެ އަތޮޅު ދިޔަ ގޮތާއި އަދި އެ ދެ އަތޮޅު މިނިވަން ކުރެވިގެން ދިޔަގޮތެވެ.

ދިވެހިރާއްޖެ ހިފުމަށް ޗޯޅާއިން ލަޝްކަރެއް ފުރަތަމަ ފޮނުވީ އެ މީހުންގެ ރަސްގެފާނު ރާޖަރާޖަ 1 ގެ ރަސްކަމުގައެވެ. ނަމަވެސް އެ މީހުންނަށް ދިވެހި ލަޝްކަރުގެ މައްޗަށް ކުރި ހޯދުނީ އެ ރަސްގެފާނުގެ ދަރިކަލުން ރާޖެންދުރަ 1 ގެ ރަސްކަމުގައި މީލާދުން 1014 ވަނަ އަހަރުގައި ކަމަށް ބެލެވެއެވެ. ޗޯޅާއިންގެ އަނިޔާވެރި އަޅުވެތިކަމުން އޭރު ދިވެހިރާއްޖޭގެ އެންމެ އުތުރުގައި އޮތް ދެ އަތޮޅު ކަމުގައިވާ މަލިކު އަތޮޅާއި ތިލަދުންމަތި މިނިވަންކޮށް ދެއްވީ ސިރީ މަހާބަރަނަ މަހާރަދުން (1121-1142) ގެ ރަސްކަމުގައެވެ. ބޮޑަށް ގަބޫލުކުރެވެނީ އެއީ މީލާދީން 1134 ވަނަ އަހަރުގައި ކަމުގައެވެ.

ފުރަތަމަ

ސިފައިންގެ މޫސީގީ ތަމުސީލުގައި ފުރަތަމަ ފެނިގެން ދިޔައީ ޒަމާނުއްސުރެ ދިވެހީން އުޅެމުންއައި ހާއުފާވެރިކަމާއި ދިވެހީންގެ ތެރޭގައި އޮތް މިނިވަންކަމެވެ. ދިވެހީންގެ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. ބޭރުގެ އުދުވާނެއްގެ ބިރެއްނެތި ދިވެހީން އުޅުނު ހިމޭން، އަމާން ދިރިއުޅުމެވެ.

ލަވަ: މިނިވަންކަމުގެ ހިޔަލުގައި

ރާއްޖެއަކީ ފެހިމުތީހާ އޮމާން ނަލަޗާލު ދޭހުން
ރޯޅިވަޔާ ރުއްގަސް ނަށާލާ މި ހިތްގައިމު ބިން
ގޮނޑުދޮށުގެ ނަލަކަން ފަވާލާ ހިތްތައް ފުރިގެން
ހިތްފުރޭ ދިވެހިރާއްޖެ ޞުލްޙަވެރި އަމާން ބިން

ފެންނަނީ ގޮނޑުދޮށުގާ ކުދިން ކުޅެލާ އުޅޭތަން
މަސްވެރީން ރައިވެރީން އެކުގައި ތިބެގެން ކިޔާތަން
ނެތޭ ހިތާމައެއް މިރަށަކު ނެތޭ އެއްވެސް ބިރެއް
މީ މަގޭ ފަޚުރުވެރި ލޮބުވެތިވީ ދިވެހި ބިން

ހިތްވަނީ މާކަނޑުގައި ދޯނި ދުވެލާ މިސާލުން
މިނިވަނުންނޭ މިއީ މާކުރިން ދައްކާ ވާހަކައިން
އޮތީ އުފާތަކޭ ޤައުމުގައި މިއީ މަގޭ ވަޠަން
މީ މަގޭ ފަޚުރުވެރި ލޮބުވެތިވީ ދިވެހި ބިން

ދެވަނަ
ދެވަނަ ލަވައާއެކު ފެނިގެން ދިޔައީ ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ދިވެހީންގެ ހަޔާތާއި ކަނޑާ ގުޅިފައިވާ މިންވަރެވެ. ދިވެހީންގެ މިނިވަންކަމުގެ ޠަބީޢީ ސިފަތަކުގެ ތެރެއިން ކަނޑާއި ފަރުތަކާއި ފަޅުތަކުން އަދާކުރި މުހިންމު ދައުރެވެ.

ލަވަ: ކަނޑުގެ ދަރީން

ގަދަނޫ ކަނޑު، ނޫވިލުގެ ފަޅު، ރަށްބޭރުގެ ފަރުތައް ރޫޙު މިއްޔެ ޗާލު ދިވެހި ކަނޑު
އާހަ..... މީ! ފަޚުރެކޭ ބުނެލާ އަޑުއަހާ
އަހަރެމެންނަކީ ކަނޑުގެ ދަރީން

ފަރު ގިރީގައި، ކުދި އެމާ މަސް، ކޮންމެ ރަށަކާ ގުޅިގެންވާ އަހަރެމެން ކަނޑުފީނަން،
އޮއިވަރުގެ ތެރޭގައިވާ ނަލަ މަސްތައް،
ކަނޑަކީ އަހަރެމެންގެ ތިމާވެށި އަސަރުތައް

ކަނޑާއި ފޮނުގަނޑު ކަފަނީ، ރަށްތަކުގެ މަލަތައް ފަސްދީ އޮބެނީ
މުރަކައިގެ ބަގީޗާ ބަބުޅަނީ،
ކޮންމެ ފަރަކާ ގިރިހަލެއްގެ ޗާލުވި ކުލައިން ފިޔަޖަހަނީ
އޮޑި ދުވަނީ، ހޭރިޔާ ކުރަނީ،
އުޑުމަތި ބަނަވޭ، ދޫނިތައް ގޮވަނީ، ފަލިތައް ޖަހަނީ، ރަށް އަދު އަތުލާށޭ
މީ ކަނޑުގެ ހަޔާތް ތާ!

ބަލާބަލާ ކަނޑުމައްޗަށް، ކިހާ ދުރަކުން މަސް ފުމެނީ،
ބަލާބަލާ ދޫނިތަކަށް ކިހާ ހިމޭނުންހެ ގޮވާ އެލަނީ
އަރާ އިރާ ހެނދުނުގެ ފިނިކަން ވަށާ މިތާއެލަނީ
ފިކުރެއްނެތްކަން، ކަފިކަފިވާން ހިތުގާ
އޮއިވަރުގައި ބެހިގެން ދިއުން ނޭދޭ

އަހަރެމެންގެ ޤައުމާ ދެކޮޅަށް އެއްވެސް ޒާތްޒާތެއް ކުރެވޭނޭ
ކަނޑު ކޮންމެ ދުވަހަކު އަހަރެމެންނަށް މަގުދައްކައިދޭ
ހުރިހާ ނުރައްކަލެއް ދުރުގައި ހުއްޓުވައިދޭ

ގަދަނޫ ކަނޑު، ނޫވިލުގެ ފަޅު، ރަށްބޭރުގެ ފަރުތައް ރޫޙު މިއްޔެ ޗާލު ދިވެހި ކަނޑު
އާހަ..... މީ! ފަޚުރެކޭ ބުނެލާ އަޑުއަހާ
އަހަރެމެންނަކީ ކަނޑުގެދަރީން

މި ލަވައާ އެކު މަންޒަރު ބަދަލުވެގެން ދިޔައީ ކުއްލިއަކަށް ޗޯޅާއިން ރާއްޖޭގެ މައްޗަށް ވެރިވެގަތުމުންނެވެ. އާރާއިބާރާއެކު އަރައިގަތުމުންނެވެ.

ތިންވަނަ
ދެން ދައްކައިދިނީ ޗޯޅާއިންގެ ކޮލިފަތްތޫރަ މި ރާއްޖޭގެ އެންމެ އުތުރުގައި އޭރު އޮތް ދެ އަތޮޅުގައި ހިންގާތަނެވެ. އެ މީހުންގެ އަނިޔާވެރި އަޅުވެތިކަމުގައި ދިވެގީން ތަހަންމަލުކުރި ދުވަސްތަކެވެ.

ލަވަ: އަޅުވެތިކަން

ގަދަފަދަކަން ދައްކާށޭ
އަމުރޭ ޗޯޅާ ރާޖާއޭ
މި ގަދީމީ ރާއްޖޭގައި، ފައިތިލަ ސާބިތުވޭތޯ ބާރާއެކު އަރަމުންދާށޭ

އަޑު އަހަނީ ދިވެހީން ގަދަފަދައޭ
ބައިބައި ވީމާ އެކަމަކު ބަލިކަށިވާނޭ
އަޅުވެތިކަން ފަތުރައިގެންނޭ،
ދެއަތޮޅުގައި ކޮލިފަތްތޫރަ ހިންގާށޭ

ގަދަފަދަކަން ދައްކާށޭ
އަމުރޭ ޗޯޅާ ރާޖާއޭ
މި ގަދީމީ ރާއްޖޭގައި،
ފައިތިލަ ސާބިތުވޭތޯ ބާރާއެކު އަރަމުންދާށޭ

އޯ.....އޯ......

ކަނޑުފަޅުތައް ފަރުގިރި ބިރުވެރިޔޭ
އޮޑިތައް އުރި ފުނޑުފުނޑުވި ޚަބަރު ވެއްޖޭ
ހިފިޔަސް ކަންބޮޑު މި ވަނިއްޔޭ،
ގަދަގަދަ ދިވެހީން އަދިވެސް ހަމަ ފާޅުވެދާނެޔޭ

ގަދަފަދަކަން ދައްކާށޭ
އަމުރޭ ޗޯޅާ ރާޖާއޭ
މި ގަދީމީ ރާއްޖޭގައި، ފައިތިލަ ސާބިތުވޭތޯ ބާރާއެކު އަރަމުންދާށޭ

ހަތަރުވަނަ
ދެން ފެނުނީ ޗޯޅާއިންގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ޓަކައި ދިވެހީން ތެދުވިތަނެވެ. ދިވެހި ލަޝްކަރުން ކުރި މިނިވަންކަމުގެ ހަނގުރާމައެވެ.

ލަވަ: މިނިވަންކަން

މީ ޤައުމޭ، ނަލަ ރީތި ޖަޒީރާތަކޭ
ހިންމަތްކުރާ. މޭދިއްކުރާ.
މީ ވަޠަން ހިމާޔަތްކުރި ދަރިން

އަބަދުވެސް ފަޚުރުވެރި، އަބަދުވެސް މިނިވަން
އެވޭލާ ޒަމާނުންފެށިގެން،އަންނަން އޮތް ޖީލުތަކަށް
ލެއާ ދާ އޮހޮރުވައިގެން
އަހަރެމެންގެ މި ޝަރަފު ފޯރުކޮށްދެމާހޭ

އަހަރެމެން ނެތި ހިނގައިދާނެޔޭ
ޖީލުތައް ފަސްދެމުންދާނެޔޭ
ނަމަވެސް ދިވެހިރާއްޖެ ދެމި އޮންނާނީ
އަހަރެމެންގެ މި ދިދައިގެ ދަށުގައޭ
މިނިވަންކަން، މިނިވަންކަން، މިނިވަންކަން.އޭ.އޭ.. އަބަދަށް މިނިވަން.

މި ތަމުސީލު ނިމިގެން ދިޔައީ ޗޯޅާއިން ބަލިވެ، ދިވެހީންނަށް މިނިވަންކަން ލިބިގެންނެވެ. މިނިވަންކަމާއެކު ދިވެހީން އިސް އުފުލާލުމާ އެކުގައެވެ.