އެމްއާރުސީސީގެ އާ އިމާރާތް: ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ޒަމާންވީ ބަދަހި ގުޅުމުގެ ރަމުޒެއް
ޢަބްދުﷲ ސަޢީދު
ދިވެހި ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ގެ އާ އިމާރާތަކީ ޖަޕާނުގެ ސަރުކާރާއި ރައްޔިތުން ދިވެހިރާއްކެއަށް ކޮށްފައިވާ ވަރަށް އަގުހުރި ހަދިޔާއެކެވެ. މި އިމާރާތް ވެގެންދާނީ ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑުން ދިވެހިރާއްޖޭގެ ސިޔާސީ ސަރަޙައްދާއި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު އަދި 200 މޭލު ބޭރުގައި ހިމެނޭ ކޮންޓިނަންޓަލް ޝެލްފްގައި ހަރަކާތެރިވެ ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށެވެ. އަދި ބައިނަލް އަޤްވަމީ މުއާހަދާތަކުން ދިވެހި ރާއްޖެއަށް ކަނޑައަޅާފައިވާ ސަރޗް އެންޑް ރެސްކިޔު ރީޖަން (އެސްއާރުއާރު) ގައި ހަރަކާތްތެރިވެ، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ލިބިގެންދިޔަ އިތުރު ކުރިއެރުމަކާއި ތަރައްޤީއަކަށެވެ. އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) އިން ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ސަރޗް އެންޑް ރެސްކިޔު ރީޖަން (އެސްއާރުއާރު) އަކީ ދިވެހިރާއްޖޭގެ އުތުރުގެ ސަރަހައްދުން ފެށިގެން، ދެކުނުން ފޯޅަވަހި ސަރަޙައްދު ހިމެނޭގޮތަށް ގާތްގަނޑަކަށް 1.5 މިލިއަން އަކަ ކިލޯމީޓަރުގެ ބޮޑު ސަރަހައްދެކެވެ.
ތާރީޚުގެ ފަސްމަންޒަރު
Ads by BMLދިވެހިރާއްޖޭގެ ސަރަޙައްދުން ނުވަތަ ދިވެހިރާއްޖޭން އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ސަރަހައްދުން ދަތުރުކުރާ ބޭރުގެ އުޅަނދުފަހަރާ މުއާމަލާތްކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރީ މާލޭ ރޭޑިޔޯއިންނެވެ. މާލެ ރޭޑިއޯއިން މި ޚިދުމަތް ދެމުން ދަނިކޮށް ދިވެހިރާއްޖެއިން 1981 ޖެނުއަރީ 14 ވަނަ ދުވަހު ކަނޑުގެ މުޢާހަދާ "ސޭފްޓީ އޮފް ލައިފް އެޓް ސީ" (ސޯލާސް) ކޮންވެންޝަންގައި ސޮއިކުރިއެވެ. އަދި 1981 ވަނަ އަހަރުގެ އެޕްރީލްމަހުގެ 14 ވަނަ ދުވަހު އެ މުއާހަދާ ތަންފީޒުކުރިއެވެ.
ކަނޑުގެ މުޢާހަދާ "ސޭފްޓީ އޮފް ލައިފް އެޓް ސީ" (ސޯލާސް) ކޮންވެންޝަނަށް 1998 ވަނައަހަރު އިސްލާހެއް ގެނައެނެވެ. މި އިސްލާހާ ގުޅިގެން، ކަނޑުދަތުރުކުރާ އުޅަނދުފަހަރު ހާލުގައި ޖެހުމުން މުޢާމަލާތް ކުރެވޭގޮތަށް "ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް" (ޖީއެމްޑީއެސްއެސް) ގެ މުވާސަލާތީ ނިޒާމެއް 1999 ވަނަ އަހަރުގެ ކުރިން އެ މުއާހަދާގައި ސޮއިކޮށްފައިވާ ހުރިހާ ޤައުމަކަށް ލާޒިމުކުރިއެވެ. މިކަން ސަރުކާރުގެ ކަމާ ބޭހޭ އިދާރަތަކުގެ ސަމާލުކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ގެނައުމުން، ދިވެހިރާއްޖޭގައި ޖީއެމްޑީއެސްއެސްގެ ނިޒާމު ޤާއިމްކޮށް ހިންގާ ބަލަހައްޓާނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީންކަމުގައި 1998 ޑިސެންބަރު 31 ވަނަ ދުވަހު ސަރުކާރުން ނިންމެވިއެވެ. މި ނިންމެވުމާ ގުޅިގެން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާއި ޑިފެންސް މިނިސްޓްރީއާއި ސިފައިން ގުޅިގެން ކުރި މަސައްކަތުން 2003 ވަނަ އަހަރު ވިލިމާލޭގައި އިމާރާތެއް ކުރެވުނެވެ. ޖީއެމްޑީއެސްއެސް އޮޕަރޭޝަން ސެންޓަރު 2006 ޖަނަވަރީ 1 ވަނަ ދުވަހު އިފްތިތާޙުކުރެވުނެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިންގާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކޮށް، އެއް ފުރާޅެއްގެދަށުން ހުރިހާ ކަމެއް ވިލަރެސް ކުރުމުގެ ބޭނުމުގައި، 2012 ޖުލައި 27 ވަނަ ދުވަހު މި މަރުކަޒުގެ ނަން "މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)" ގެ ނަމަށް ބަދަލުކުރެވުނެވެ.
އޭގެފަހުން، އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގައި ޤާއިމުކުރެވުނު ރެސްކިޔު ސަބް ސެންޓަރުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިނގާ ކޮންމެ ހާދިސާއެއްގައި ވެސް އެންމެ އިސް ދައުރެއް އަދާކުރާ ތަނަކަށް "މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ވެގެން ދިޔައެވެ.
ތަފާސްހިސާބު:
ދިވެހިރާއްޖޭގެ ސަރޗް އެންޑް ރެސްކިޔު ރީޖަން (އެސްއާރުއާރު) އަކީ އަހަރަކު ގާތްގަނޑަކަށް ދެ ލައްކައަށްވުރެ ގިނައިން ބޭރުގެ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދެކެވެ. މި ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށްކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުމަށް އުފައްދާފައިވާ މައި މަރުކަޒަކީ ދިވެހި އަސްކަރިއްޔާގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އެވެ. ފާއިތުވި 10 އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު ޖުމުލަ 3713 ހާދިސާއެއް އެމްއާރުސީސީ އަށް ރިޕޯޓްކޮށްފައިވެއެވެ. މި ހާދިސާތަކުގައި އެމްއާރުސީސީއާއި އެމްއެންޑީއެފް އޭރިއާ ކޮމާންޑްތައް ގުޅިގެން ހިންގާފައިވާ މި އޮޕަރޭޝަންތަކުގައި 8359 މީހުންގެ ފުރާނައާއި ގިނަ އަދަދެއްގެ މުދާ ސަލާމަތްކޮށްދީފައިވެއެވެ.
އެމްއާރުސީސީގެ އާ ޢިމާރާތް
މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ގެ އާ އިމާރާތަކީ ޖަޕާނު ސަރުކާރާއި ރައްޔިތުންގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހުނު އިމާރާތެކެވެ. މި ޢިމާރާތުގެ ބިންގާ އެޅުނީ 2022 ޖޫން 23 ވަނަ ދުވަހުއެވެ. މި އިމާރާތުގެ އެންމެހައި މަސައްކަތްތައް ޖަޕާނު ސަރުކާރާއި ގުޅިގެން ރާވައި ހިންގީ ޔޫއެންއޯޑީސީ އިންނެވެ. ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް އަކީ މަސްތުވާތަކެއްޗާއި، ބައިނަލްއަޤްވާމީ ކުށްތަކާއި، ކޮރަޕްޝަން އަދި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާ އދ. ގެ މައި އިދާރާއެވެ.
ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެ ވަޑައިގެންނެވިއިރު މި އިމާރާތުގެ މަސައްކަތް އެކިއެކި ސަބަބުތަކާ ހުރެ ވަނީ ހުއްޓިފައެވެ. އަލުން މި މަސައްކަތް ފެށިގެންގޮސް ނިންމާލެވުނީ ރައީސުލްޖުމްހޫރިއްޔާ މިކަމަށް ދެއްވި ޚާއްޞަ އިސްކަމާއި އަހުމިއްޔަތުކަމުގެ ސަބަބުންނެވެ. މިގޮތުން މި އިމާރާތުގެ މަސައްކަތް މި އަހަރު ތެރޭގައި ނިންމެވުމަށް ޓަކައި ދިވެހި ދައުލަތުގެ ބަޖެޓުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށް ދެއްވާފައެވެ.
ސަރޗް އެންޑް ރެސްކިޔު ދާއިރާގެ ޚިދުމަތް ދިވެހިރާއްޖޭގައި އިތުރަށް ފުޅާކޮށް، ޤާބިލުކަން އިތުރުކުރުމަށް ބިނާކުރެވުނު އެމްއާރުސީސީ އާ އިމާރަތަކީ ވަޔާއި ކަނޑުމަތީގައި ހިނގާ ހާދިސާތައް ވިލަރެސްކުރުމަށް ޒަމާނީ އޮޕްސްރޫމަކާއި، މި ދާއިރާއިން އިންސާނީ ވަސީލަތް ތަރައްޤީކޮށް ބިނާކުރުމަށް ހިންގަން ޖެހޭ ތަމްރީންތައް ހިންގުމަށް ކްލާސްރޫމްތަކާއި އޮޑިޓޯރިއަމެއް ހިމެނޭ ޖާގަ ތަނަވަސް ހަތަރު ބުރީގެ ޢިމާރާތެކެވެ. މި ޢިމާރާތުގެ ކަންކަން އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް އޮސްޓްރޭލިޔާ ސަރުކާރުން ވެސް ވަނީ އެހީތެރިވެދެއްވާފައެވެ.
ޖަޕާނު ސަރުކާރަކީ ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީއަށް އެންމެ ބޮޑަށް އަދި އެންމެ ދިގު މުއްދަތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އެއް ޤައުމެވެ. 2026 ޖުލައި 27 ވީ އާދިއްތަ ދުވަހު ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުޅުވައި ދެއްވި އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ގެ އާ އިމާރާތް ވެގެންދާނީ ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ޒަމާންވީ ބަދަހި ގާތް ގުޅުން ރަމްޒުކޮށްދޭ އަގުހުރި ބިނާއަކަށެވެ.
Ads by MACL
