ކޯސްޓްގާޑް ޝިޕް "އިމާދުއްދީން" އަކީ އަސްކަރިއްޔާގެ ހައިބަތު ދައްކުވައިދޭނެ އުޅަނދެއް: ހިލްމީ
އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި ކޯސްޓްގާޑް ޝިޕް "އިމާދުއްދީން" ކޮމިޝަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މި މަނަވަރަކީ ދިވެހި އަސްކަރިއްޔާގެ ޤާބިލުކަމާއި ހައިބަތު ކަނޑުމަތީގައި ދައްކުވައިދޭނެ މުހިންމު އުޅަނދެއްކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.
ރާއްޖެ ހިމެނޭ ސަރަޙައްދުގެ ސަލާމަތީ މަސްރަޙަށް އަންނަމުންދާ ބޮޑެތި ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ ބޯޑަރުގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ހިނގަމުންދާކަމަށާއި އޭގެ އަސަރު ޤައުމުގެ ދާޚިލީ ސަލާމަތަށްވެސް ފޯރަމުންދާކަން ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ބުރޫއަރާ ފަދަ އަމަލުތައް ހިންގާ އުޅަނދުފަހަރާ ކުރިމަތިލުމަށާއި، ބޭރު ދުނިޔޭގައި ރާއްޖޭގެ މަސްލަޙަތުތައް ހިމާޔަތްކުރުމަށްޓަކައި މިފަދަ އަސްކަރީ މަނަވަރުތަކުގެ ބޭނުންތެރިކަން މިއަދު އިންތިހާއަށް ބޮޑުވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީލާދީން 1980 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ކޯސްޓްގާޑުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ މައްޗަށް ބައްލަވާލައްވަމުން، ކޯސްޓްގާޑަކީ ކަނޑުގެ ސަރަޙައްދުގައި ޤާނޫނު ތަންފީޒުކޮށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރާ ފަރާތްކަމަށް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދު ދިފާޢުކުރުމަށާއި ކުރިމަތިވާ ގޮންޖެހުންތަކަށް ފުރިހަމައަށް އިޖާބަދެވޭނެ ފަދަ ޤާބިލުކަމެއް ދިވެހި އަސްކަރިއްޔާގައި ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އަލަށް ކޮމިޝަންކުރެވުނު މަނަވަރާއެކު ހާމަވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.
Ads by BMLސިފައިންނާ މަތިކޮށްފައިވާ ޤައުމީ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މި މަނަވަރުގެ ސަބަބުން އާ ކާމިޔާބީތަކެއް ޙާޞިލުކުރެވޭނެކަން ފާހަގަކުރައްވައި، މިއީ ރާއްޖޭގެ ކަނޑުތަކުގައާއި ބޭރު ޤައުމުތަކަށް ކުރާ އިޙުތިރާމުގެ ޒިޔާރަތްތަކުގައި ނޭވަލް ޑިޕްލޮމަސީއާއެކު ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދިދަ ވިހުރުވަމުންދާނެ މަނަވަރެއްކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އަމަންއަމާންކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މުހިންމު މަސައްކަތްޕުޅުތަކަށް އިޝާރާތްކުރައްވައި، ރާއްޖޭގެ ދިފާޢީ ބާރު ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން، ތުރުކީވިލާތުގެ ޒަމާނީ ނޭވީ މަނަވަރެއް ހޯއްދަވައިދެއްވާފައިވާކަމާއި، ކަނޑުއަޑިއާއި ކަނޑުމަތީގެ އަސްކަރީ އޮޕަރޭޝަންތައް ހިންގުމަށްޓަކައި ތަރައްޤީވެފައިވާ ޤައުމުތަކުގައި ބޭނުންކުރާ ފަދަ ސްޕެޝަލް ބޯޓު ސްކޮޑްރަނެއް އުފައްދަވާފައިވާކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން، މިއަހަރުގެ ނަޞްރުގެ ދުވަހުގެ ކުރިން ރާއްޖޭގެ ކޯސްޓަލް ސެކިއުރިޓީއަށް ޚާއްޞަ ކުރެވިފައިވާ ވީ-އިންޓަރސެޕްޓް ކްރާފްޓްތަކެއް ދިވެހި ސިފައިންނަށް ހޯއްދަވައިދެއްވާނެކަމަށްވެސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވިއެވެ.
Ads by MACL
