އައިރީނާއަށް ރާއްޖެއިން ކަނޑައަޅާ މަންދޫބަކަށް ތޯރިގު ހަމަޖައްސަނީ
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީ، (އައިރީނާ)އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް މިހާރުގެ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހިމް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި، އެކަމަށް ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. މި މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ފޮރިން ސަރވިސްގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކަށް ކަނޑައަޅާ ދާއިމީ މަންދޫބުންނާއި ސަފީރުން އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުން ލާޒިމުވެއެވެ. އެހެންކަމުން، ޠާރިޤް އިބްރާހިމް މި މަޤާމަށް ރަސްމީކޮށް އައްޔަންކުރެވޭނީ މަޖިލީހުގެ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ރުހުން ލިބުމުންނެވެ.
ޠާރިޤް އިބްރާހިމްއަކީ ތިމާވެއްޓާއި ހަކަތައާބެހޭ ދާއިރާއިން ގިނަ އަހަރުތަކެއްގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. މި ސަރުކާރުގެ ތިމާވެއްޓާބެހޭ ވަޒީރުކަމުގެ މަޤާމު އަދާކުރައްވަމުން ގެންދަވާ ޠާރިޤް، މިހާރުވެސް ހުންނެވީ ދިވެހިރާއްޖެއިން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ. މީގެ ކުރިން އައިރީނާއަށް ކަނޑައަޅުއްވާފައި ހުންނެވި ދާއިމީ މަންދޫބުގެ މަޤާމު ފުރުއްވާފައިވަނީ މުޙައްމަދު ޙުސައިން ޝަރީފެވެ.
Ads by BMLއިޔާދަކުރަނިވި ހަކަތައާބެހޭ ބައިނަލްއަޤްވާމީ އިދާރާ، އައިރީނާ އުފައްދާފައިވަނީ 2009 ވަނަ އަހަރުގައެވެ. ދިވެހިރާއްޖެއަކީ އެ ޖަމުޢިއްޔާ އުފެދުނީއްސުރެ އޭގެ މެންބަރު ޤައުމެކެވެ. މިއަދު އެ ޖަމުޢިއްޔާގައި ޔޫރަޕިއަން ޔޫނިއަން ހިމެނޭހެން 169 މެންބަރު ޤައުމު ހިމެނޭއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް އެ ޖަމުޢިއްޔާއިން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
Ads by MACL
