ފެނާއި ނަރުދަމާ ގާއިމްކުރަން އެމްޑީޕީގެ ވެރިކަމުގައި ބޭނުންކުރީ ފެންވަރު ދަށް ތަކެތި: ފަލާހު
އެމްޑީޕީގެ ވެރިކަމުގައި ރަށްރަށުގެ ތަރައްގީއަށް ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގައި ބޭނުންކޮށްފައިވަނީ ފެންވަރު ދަށް ތަކެތި ކަމަށާއި، އެ މަސައްކަތްތައް ހުރީ މިހާރު އަލުން ހަދަން ޖެހިފައި ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ، ރަށްރަށުގެ މަގުތަކުގައި ތާރު އެޅުމުގެ ކުރިން، ބިމު އަޑީގައި ވަޅުލާފައި ހުރި ހޮޅިތަކާއި ނިޒާމުތައް މަރާމާތުކޮށް ރަނގަޅު ކުރަން ޖެހިފައިވާ ކަމަށެވެ. އެމަނިކުފާނުގެ ދާއިރާގެ ފަސް ރަށެއްގެ މިސާލު ނަންގަވައި ވިދާޅުވީ، އެ ރަށްތަކުގައި ގާއިމުކުރި ފެނުގެ ނިޒާމުގެ ހޮޅިތައް ހުރީ ފީވެ ހަލާކުވެފައި ކަމަށާއި، ޖޮއިންޓުތައް ނެއްޓެމުންދާ ކަމަށެވެ. މި ހާލަތުގައި ތާރު އެޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ބިމު އަޑީގައި ހުރި މައްސަލަތައް ހައްލު ނުކޮށް ތަރައްގީގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފަލާހު އިތުރަށް ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުން ހުރިހާ މަސައްކަތެއް ކުރުވާފައި ވަނީ ދަރަންޏަށް ކަމަށާއި، އޭގެ ސަބަބުން ގިނަ ކުދި ކުންފުނިތަކެއް ބަނގުރޫޓުވެގެން ގޮސްފައިވާ ކަމަށެވެ. ހާއްސަކޮށް ފެނަކަ ކޯޕަރޭޝަނުން ކުދި ކުންފުނިތަކަށް ދޭންޖެހޭ 4 ބިލިއަން ރުފިޔާ ނުދީ ހުރުމަކީ ކުރީ ސަރުކާރުގެ އިހުމާލު އިންތިހާއަށް އޮތްކަން ހާމަވާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
Ads by BMLސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާ މި ދަނޑިވަޅުގައި، މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބުނެ ކުރާ ތުހުމަތުތަކަށް ވެސް ފަލާހު ރައްދު ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އެތައް ސަތޭކަ މުވައްޒަފުންނެއް ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި، ނަމަވެސް މި ސަރުކާރުން އެފަދަ އަމަލެއް ނުހިންގާނެ ކަމަށެވެ. އަދި މި ސަރުކާރުން ފައިސާ ޗާޕުނުކޮށް ދައުލަތް ހިންގަމުންދާ ކަމަށާއި، ކުރީގެ ސަރުކާރުތަކާ ހިލާފަށް ސަޕްލިމެންޓްރީ ބަޖެޓެއް ވެސް މިހާތަނަށް ހުށަހަޅާފައި ނުވާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.
އިގްތިސާދީ ގޮތުން ގައުމުގެ މާލީ ނިޒާމު ހަމައަކަށް އެޅުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ފުނޑާލުމުގެ ޒިންމާ ކުރީގެ ސަރުކާރުތަކުން އުފުލަން ޖެހޭނެ ކަމަށެވެ. ކުންފުނިތަކުގެ ހަރަދުތައް ހަރުދަނާކުރުމަށް ފިނޭންސް މިނިސްޓްރީއާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިހާރު ފަށާފައިވާ މަސައްކަތްތަކަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަންކަން ކަމުގައި ވެސް ފަލާހު ފާހަގަކުރެއްވިއެވެ.
Ads by MACL
