ފާއިތުވި 8 ދުވަހުން 500 މީހުން ޝަހީދުކޮށްލައި އަނެއްކާވެސް ނަތަންޔާހޫގެ އިންޒާރެއް، ޣައްޒާ އެއްކޮށް ނައްތާލާނަން!
ފާއިތުވި 8 ދުވަހުގެ ތެރޭގައި ޣައްޒާގެ 500 މީހުން ޝަހީދުކޮށްލި އިރު އަނެއްކާވެސް އިސްރާއީލުގެ އިންޒާރު ޣައްޒާއަށް ދީފިއެވެ.
ނަތަންޔާހޫ މިހެން ބުނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓާލައި އެ ސަހަރަށް އެހީގެ ސާމާނު ވެެއްދުމުގެ ފުރުޞަތު ދިނުމަށް ގޮވާލައި އަޑުތައް ގަދަވެފައިވަނިކޮށެވެ.
މެއި މަހުގެ 16ވަމަ ދުވަހު ޔަހޫދީން ވަނީ އޮޕަރޭޝަން ގިޑިއަންސް ޝެރިއޮޓްގެ ނަމުގައި އަސްކަރީ އޮޕަރޭޝަނެއް ޣައްޒާގައި ފަށައިފައެވެ. އެ އޮޕަރޭޝަންގެ ދަށުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ވަނީ ޣައްޒާގެ 160 އަމާޒަކަށް ޙަމަލާދީ ގިނަ ޢަދަދެއްގެ މީހުން ޝަހީދު ކޮށްލައިފައެވެ.
ޔަހޫދީން ވަނީ ޣައްޒާގެ ޚާން ޔޫނިސްއަށް ވެސް ކުއްލި ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.
Ads by BMLޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޙަމާސުން ޔަހޫދީންނަށް ދިން ޙަމަލާއަކަށް ބަދަލުހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ހަމަ އެ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް އެ މީހުންގެ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރު ކޮށްފައެވެ.
އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53،000އަށް އުފުލިފައިވާއިރު، އިތުރު 120,000އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަޞީލަތްތައް ވެސް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ
ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު ޢަމަލު ކުރަން ފެށި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ.
އެއްބަސްވުމާ ޚިލާފުވުމުގެ ދުވަސްކޮޅެއް ކުރިން ޔަހޫދީން ވަނީ ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ހުރަސް އަޅާފައެވެ.
އެއަށްފަހު، ޣައްޒާއަށް އެއްވެސް ވަރަކަށް ކާބޯތަކެތި އެތެރެ ކޮށްފައެއް ނުވެއެވެ. އެއާއެކު ޣައްޒާގެ 2.3 މިލިޔަން ރައްޔިތުން މިހާރު ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައެވެ.
Ads by MACL
