އެމްޑީޕީގެ ވެރިކަމުގައި ގާތް މީހުންނަށް ވަޒީފާތައް ބަހާލި: މުހައްމަދު އިސްމާއީލް
އެމްޑީޕީގެ ވެރިކަމުގައި އުފެއްދި އެކިއެކި ކޮމިޝަންތަކާއި އޮފީސްތަކަކީ ހަމައެކަނި އެ ޕާޓީއާ ގާތް މީހުންނަށް ވަޒީފާއާއި ފައިސާ ދިނުމުގެ ބޭނުމުގައި އުފެއްދި ތަންތަން ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރަން ނިންމުމާ ގުޅިގެން އެމްޑީޕީން ހުށަހެޅި ގަރާރަކަށް ބަހުސް ކުރައްވަމުން، މުހައްމަދު އިސްމާއީލް ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެން މިހާތަނަށް އެ ޕާޓީން ވެރިކަން ކުރިއިރު، އެކި ރިޔާސީ ކޮމިޝަންތައް އުފައްދައި، ކުންފުނިތަކަށް ބޭނުންވާ ވަރަށް ވުރެ ގިނައިން މީހުން ވައްދައިގެން ރާވައިގެން ހިންގި މަޝްރޫއަކީ ދައުލަތުގެ ފައިސާ ވަކި ބަޔަކަށް ބެހުން ކަމަށެވެ. ޚާއްސަކޮށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފަސް އަހަރުގެ ދައުރުގެ ތެރޭގައި ކުންފުނިތަކަށް 10,000އަށްވުރެ ގިނަ މީހުން ވަޒީފާއަށް ވައްދާފައިވާ ކަމަށާއި، އޭގެ ސަބަބުން ކުންފުނިތަކުގެ ޕޭރޯލް ނުތަކާ މިންވަރަށް ބޮޑުވެ، މާލީ ހާލަތު ގޯސްވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާގެ ވާހަކަފުޅުގައި މަރު ކޮމިޝަނާއި، އެސެޓް ރެކަވަރީ ކޮމިޝަން އަދި އޮމްބަޑްސްޕާސަންގެ އޮފީސް ފަދަ ތަންތަން ސިފަކުރެއްވީ ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުކުރާ، ހަމައެކަނި މީހުންނަށް ވަޒީފާ ދޭން އުފެއްދި ތަންތަން ކަމަށެވެ. މިފަދަ ކޮމިޝަންތަކުން ރައްޔިތަކަށް ކޮށްދިން އެއްވެސް ހެޔޮ ކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
Ads by BMLމި ސަރުކާރުގެ ދެ އަހަރާއި ބައި ހޭދަވެގެން ދިޔައިރު ވެސް ކުންފުނިތަކުން މުވައްޒަފުން ވަކިކޮށްފައި ނުވާނެ ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ. ނަމަވެސް، މިހާރު ކުންފުނިތައް ހިންގޭނީ ދައުލަތުން ބޮޑެތި އަދަދުތަކުން ފައިސާ ދީގެން ކަމަށް ވާތީ، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން މި ފިޔަވަޅުތައް އެޅުން މަޖުބޫރުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
Ads by MACL
