ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވެލާނާ އެއާޕޯޓުގެ ޓާމިނަލް 1 ގައި ދަތުރުވެރިންނަށް ޚާއްޞަ އާ ޖާގައެއް ހުޅުވައިފި

ވެލާނާ އެއާޕޯޓުގެ ޓާމިނަލް 1 ގައި ދަތުރުވެރިންނަށް ޚާއްޞަ އާ ޖާގައެއް ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 އިން ފުރާ ފަސިންޖަރުންނަށް އިތުރު ލުއިފަސޭހަތަކާއެކު އަރާމުކޮށްލެވޭނެ ޚާއްޞަ އާ ސަރަހައްދެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

މި މަހުގެ 25 ވަނަ ދުވަހު ބޭނުންކުރަން ފެށި މި ޖާގައަކީ އެއާޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ފުރަން އަންނަ ފަރާތްތަކަށް ހިތްގައިމު މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން ތަރައްޤީކުރި ތަނެކެވެ.

ޓާމިނަލްގެ ފުރަތަމަ ބުރީގައި ގާއިމުކުރި 750 އަކަމީޓަރުގެ މި ސަރަހައްދުގައި ފަސިންޖަރުން މަޑުކޮށްލައިގެން ތިބުމަށްޓަކައި ތަފާތު ގޮތްގޮތަށް ފަރުމާކޮށްފައިވާ ގޮނޑިތައް ވަނީ އަތުރާފައެވެ. މީގެއިތުރުން، އާއިލާތަކާއެކު ދަތުރުކުރާ ކުޑަކުދިންނަށް އަމާން އަދި އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ ގޮތަށް 136 އަކަމީޓަރުގެ ޚާއްޞަ ޕްލޭ އޭރިއާއެއްވެސް މި ޖާގައިގައި ވަނީ ހަދާފައެވެ. މި ކުޅޭ ސަރަހައްދުގައި އެކި ލެވެލްތަކުގެ ޕްލެޓްފޯމްތަކާއި، ރައްކާތެރި ހޮޅިތަކާއި، ވާ އަދި ރިންގު ބޭނުންކޮށްގެން އަރާފޭބޭނެ ވަސީލަތްތަކުގެ އިތުރުން ބޯޅަ ކުޅޭނެ ޖާގަ ހިމެނެއެވެ.

ދަތުރުވެރިންނަށް ބޭނުންވާ މާލީ ޚިދުމަތްތައް ފަސޭހަކޮށްދިނުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޓްރޭޑް ކައުންޓަރ އެއްވެސް މި ސަރަހައްދުގައި ވަނީ ގާއިމުކޮށްފައެވެ. މި ކައުންޓަރު މެދުވެރިކޮށް ބޭރު ފައިސާ މާރުކުރުމުގެ ޚިދުމަތުގެ އިތުރުން ދިވެހިންނަށް ޑޮލަރު ދޫކުރުމުގެ ކަންކަން ކުރިއަށްދާނެއެވެ.

މި އާ ޖާގަ ހުޅުވުމަކީ ޓާމިނަލް 1 ގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް އެމް.އޭ.ސީ.އެލް އިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

އަދި މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ފަސިންޖަރުންގެ ބޭނުންތަކަށް އިސްކަންދޭ، ޒަމާނީ ފުރިހަމަ އެއާޕޯޓަކަށް ހެދުމަށް އެ ކުންފުނިން ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެކެވެ.