ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޚިޔާލުތަފާތުވުންތަކަށް ޙައްލު ހޯދަންޖެހެނީ ޢުދުވާނީ ބާރުގެ ބަދަލުގައި މަޝްވަރާއިން: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައިސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައިސް އޮފީސް

ޤައުމުތަކުގެ މެދުގައި އުފެދޭ ޚިޔާލުތަފާތުވުންތަކާއި މައްސަލަތަކަކީ ހަތިޔާރާއި ނުރައްކާތެރި ބާރުގެ ބޭނުންކޮށްގެން ޙައްލުކުރެވޭނެ ކަންކަން ނޫންކަމަށާއި، އެފަދަ ކަންކަމުގައި އަބަދުވެސް އިސްކުރަންޖެހޭނީ މަޝްވަރާގެ މަގުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބިނާވެގެންވަނީ އިސްރާއީލު ފިޔަވައި އެހެން ކޮންމެ ޤައުމަކާއެކުވެސް ގާތް ގުޅުމެއް ބޭއްވުމުގެ މައްޗަށް ކަމަށެވެ. އަދި ދިވެހިންގެ މަޞްލަޙަތު އިސްކުރާ "މޯލްޑިވްސް ފަސްޓް" ސިޔާސަތަށް އިޝާރާތް ކުރައްވައި، މާޒީގައި ފެނިގެންދިޔަ ފަދަ އެހެން ބައެއްގެ ނުފޫޒުގެ ދަށުގައިވާ ނުވަތަ "ގޮނޑިކޮއްކޮ" ޚާރިޖީ ސިޔާސަތެއް މި ސަރުކާރުން ނުގެންގުޅޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މީގެއިތުރުން، ސަރަޙައްދީ އެކުވެރިކަމާއި ހަމަޖެހުން ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދެކުނު އޭޝިއާގެ ސަރަޙައްދީ ޖަމްޢިއްޔާ (ސާކް) ގެ މަސައްކަތްތައް ފާއިތުވި ނުވަ ވަރަކަށް އަހަރު ދުވަހު ހުއްޓިފައި އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

އަދި ސަރަޙައްދީ ގުޅުންތައް ބަދަހިކޮށް، ސާކްގެ ހަރަކާތްތައް އަލުން އާލާކޮށް ހިންގުމަށްޓަކައި ދިވެހިރާއްޖެއިން އިސްނަގައިގެން މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.