ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވަކިވާން އެދުނު ހުރިހާ މުވައްޒަފުންނަށް ވާނީ ހަތަރު މަހުގެ މުސާރަ ދެވިފައި، ފަތުރަނީ ދޮގު ވާހަކަ: ފެނަކަ

ވަކިވާން އެދުނު ހުރިހާ މުވައްޒަފުންނަށް ވާނީ ހަތަރު މަހުގެ މުސާރަ ދެވިފައި، ފަތުރަނީ ދޮގު ވާހަކަ: ފެނަކަ

ފެނަކައިގެ ރިޑަންޑަންސީ ޕޮލިސީގެ ތެރެއިން އަމިއްލައަށް އެދިގެން ވަކިވާ މުވައްޒަފުންނަށް ދޭން ހަމަޖައްސާފައިވާ ހަތަރު މަހުގެ މުސާރައަށްވާ ފައިސާ ދޫކޮށްފައިވާކަމަށް އެކުންފުނިން މިއަދު ބުނެފިއެވެ.

ފެނަކައިން މިއަދު އާންމުކުރި ނޫސްބަޔާނުގައި ބުނީ، އެކުންފުނި ރައިޓް ސައިޒް ކުރުމުގެ މަސައްކަތުގެ ދަށުން މުވައްޒަފުން ދޫކޮށްލަން ޖެހުނު ޙާލަތުގައި، އުޞޫލެއް އެކަށައަޅައި، އަމިއްލައަށް ވަކިވުމުގެ ފުރުޞަތު މުވައްޒަފުންނަށް ހުޅުވާލީ، މުވައްޒަފުން ޝައުގުވެރިކަމާއެކު، އިނާޔަތަކާއެކީ ވަކިވުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށެވެ.

މުވައްޒަފުންނަށް ވަޒީފާ ދޫކޮށްލެވޭގޮތަށް އުޞޫލު އެކަށައަޅައި ހަތަރު މަހުގެ މުސާރައަށްވާ ފައިސާއާއެކު ވަކިވުމުގެ ފުރުޞަތު ފެނަކައިން ހުޅުވާލީ ޖޫން 2 ވަނަ ދުވަހު އެވެ.

ފެނަކައިން ބުނީ، ވަކިވާން އެދޭ މުވައްޒަފުން ވަކިކުރުމާއި، އިނާޔަތް ދިނުމުގައި އަމަލުކުރާނެ އުސޫލުތަކުގެ ތަފްޞީލުތައް ޖޫން 4 ވަނަ ދުވަހު މުވައްޒަފުންނާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

އެ އުޞޫލުގެ ދަށުން 4 މަހުގެ މުސާރައާއެކީ ވަކިވާން ބޭނުން މުވައްޒަފުން، އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ލިޔުމުން ހުށަހެޅުމުން އެ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނީ، ކުންފުންޏާއި އެ މުވައްޒަފާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށް ވަނީ ބަޔާންކޮށްފައެވެ.

"މި އުޞޫލާއި އެއްގޮތަށް، 4 މަހުގެ މުސާރައާ އެކު އަމިއްލައަށް ވަކިވާން އެދި ހުށަހެޅި މުވައްޒަފުންނާއެކު އެއްބަސްވުން ހަދައި، އެ އެއްބަސްވުންތަކާ އެއްގޮތަށް މުވައްޒަފުންގެ 4 މަހުގެ މުސާރައަށްވާ ފައިސާ ދޫކޮށްފައިވާ ކަމުގައި ދަންނަވަމެވެ" ފެނަކައިގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ކުންފުނީގެ ބަޔާނުގައި އިތުރަށް ބުނީ، މިކަމާ ގުޅިގެން، ފެނަކައިގެ މުވައްޒަފުންނަށް އޮޅުވާލާފައިވާކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުންނާއި އާންމު ފަރާތްތަކުން، މީޑިއާގެ އެކި މަންސަަތަކުގައި ފަތުރަމުން ގެންދަނީ ޙަޤީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

ފެނަކައިން ބުނީ، އެކަށައަޅާ އުސޫލަކާ ޚިލާފަށް ނުވަތަ އެއްވެސް ފަރާތަކަށް ގެއްލުމެއް ވާގޮތަށް، އެކުންފުނިން އަމަލުނުކުރާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.