މާލެ ސަރަހައްދުން އިތުރު 20 މީހަކަށް ހިމަބިހި ޖެހި، ޖުމްލަ 186 އަށް އަރައިފި
މާލޭ ސަރަހައްދުގައި ހިމަބިހި (މީސްލްސް) އަދިވެސް ހަލުވިކަމާއެކު ފެތުރެމުންދާއިރު، މިދިޔަ ހަފުތާގެ ތެރޭގައި އެކަނިވެސް އިތުރު 20 މީހަކަށް މި ބަލިޖެހި، މުޅި ޖުމްލަ 186 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
ރާއްޖެއިން މީގެކުރިން ނައްތާލެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅި މި ބަލީގެ ފުރަތަމަ ކޭސް މިދިޔަ މަހުގެ ކުރީކޮޅު ފެނުނު ފަހުން، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން ވަނީ ޚާއްޞަ ވެކްސިން ޕްރޮގްރާމެއް ފަށާފައެވެ. އަދި މިހާތަނަށް 12،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ.
މި ބަލިން ރައްކާތެރިވުމަށްޓަކައި ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކުރެވިފައިވާކަން ޔަގީންނުވާ އެންމެހައި ފަރާތްތަކުން ވީއެންމެ އަވަހަކަށް ވެކްސިން މަރުކަޒަކަށް ގޮސް ވެކްސިން ފުރިހަމަކުރުމަށް ސިއްހީ އިދާރާތަކުން އިލްތިމާސްކުރެއެވެ. މީގެއިތުރުން ބަލިޖެހިފައިވާ މީހަކާ ބައްދަލުވެފައިވާނަމަ، ހުޅުމާލެ ހޮސްޕިޓަލުން ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ވެކްސިން ޖެހޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.
Ads by BMLއާންމުންނަށް ފަސޭހައިން ވެކްސިން ލިބޭނެ ގޮތް ހެދުމުގެ ގޮތުން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ އިތުރުން، އަތޮޅުތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުންވެސް ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ވެކްސިން ދިނުމުގެ ހިދުމަތް ކުރިއަށްދާނެއެވެ.
ހުންއައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގާނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ހޮސްޕިޓަލަށް ދިއުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ. އަދި ހޮސްޕިޓަލަށް ދާއިރު މާސްކު އެޅުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އެދިފައިވެއެވެ.
މީގެއިތުރުން، ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓުކޮށްފައިވާނަމަ ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވެ ތިބުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ހުރިނަމަ ގިނަ މީހުން އެއްވެއުޅޭ އާންމު ތަންތަނަށް ނުދިއުމަށް ސިއްހީ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
Ads by MACL
