ހުޅުމާލޭ ރަށު މާރުކޭޓުން 20 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހިންގާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން، އިއްޔެ ހުޅުމާލޭ ރަށު މާރުކޭޓުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި 20 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، މާރުކޭޓުގައި މަސައްކަތް ކުރަމުންދިޔަ 55 ބިދޭސީއަކު ބަލައި ފާސްކުރިއިރު، އޭގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރާއްޖޭގައި އުޅެުމާއި މަސައްކަތްކުރުމުގެ ގާނޫނީ އިމުގެ ބޭރުގައި ތިބި މީހުންނެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް މައުލޫމާތު ނެގުމަށް 2024 ވަނަ އަހަރުގެ މެއި މަހު ފެށި "ކުރަނގި" އޮޕަރޭޝަނަށް ފަހު، ގަވާއިދުގެ ތެރެއަށް ވަނުމަށް އިމިގްރޭޝަނުން ފުރުސަތު ދިން ނަމަވެސް، ގަވާއިދާ ހިލާފަށް އުޅޭ މީހުން ހޯދައި ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ވަރުގަދަކުރަމުންނެވެ.
Ads by BMLމި އޮޕަރޭޝަންތަކުގެ ތެރެއިން ހާއްސަ އިސްކަމެއް ދެނީ ގަވާއިދާ ހިލާފަށް އަމިއްލައަށް ވިޔަފާރިކުރާ ބިދޭސީން ހުއްޓުވުމަށެވެ. އެގޮތުން އިމިގްރޭޝަންގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް 191,723 އަށް ވުރެ ގިނަ ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، އެ މީހުންގެ މައުލޫމާތު ވަނީ ސިސްޓަމްގައި އަޕްޑޭޓްކޮށްފައެވެ.
މީގެ އިތުރުން، 17 ނޮވެމްބަރު 2023 އިން ފެށިގެން މިއަހަރުގެ ޖޫން 13 ގެ ނިޔަލަށް، ގަވާއިދާ ހިލާފަށް އުޅުނު 12,552 ބިދޭސީއަކު ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ. ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މީގެ ތެރޭގައި ޑީޕޯޓުކޮށްފައިވާ މީހުންނާއި އެ ނޫންވެސް ގޮތްގޮތަށް ފޮނުވާލެވުނު މީހުން ހިމެނެއެވެ.
އިމިގްރޭޝަނުން ފާހަގަކުރާ ގޮތުގައި ރާއްޖެއިން ފޮނުވާލި މީހުންގެ ތެރޭގައި އެންމެ ގިނައީ ލިޔެކިޔުން ފުރިހަމަނުވާ މީހުންނާއި، ގަވާއިދާ ހިލާފަށް އަމިއްލައަށް ވިޔަފާރި ހިންގަމުންދިޔަ ބިދޭސީންނެވެ.
Ads by MACL
