އައިޖީއެމްއެޗްގައި ރޮބޮޓިކް ސާޖަރީގެ ހިދުމަތް ފެށުމަށް ބޭނުންވާ ސިސްޓަމް ހޯދަން އިއުލާންކޮށްފި
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ރޮބޮޓިކް ސާޖަރީގެ ހިދުމަތް ތައާރަފުކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން، އެކަމަށް ބޭނުންވާ މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމެއް ހޯދައިދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން މިއަދު ފަށައިފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން، މި ސިސްޓަމް ގެނެސްދިނުމުގެ އިތުރުން އެތަކެތި ހަރުކޮށް، މެއިންޓެނެންސްގެ މަސައްކަތްތައް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް މާދަމާއިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
މި ބީލަމުގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 1،500 ރުފިޔާ ނުވަތަ 100 އެމެރިކާ ޑޮލަރު ދައްކަންޖެހޭއިރު، ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12 ގެ ކުރިން ބީލަން ޕޯޓަލް މެދުވެރިކޮށް އަންދާސީ ހިސާބު ހުށަހަޅަންޖެހެއެވެ. އަދި ބިޑުތައް ހުޅުވުން އޮންނާނީ އޯގަސްޓް 13 ވަނަ ދުވަހުގެ މެންދުރު 1:00 ގައެވެ.
Ads by BMLމަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމަކީ ހަށިގަނޑުގައި ކުދިކުދި ލޯވަޅުތަކެއް ތޮރުފައިގެން 3ޑީ ހައި-ޑެފިނިޝަން ކެމެރާއަކާއި ހާއްސަ ރޮބޮޓިކް އާލާތްތައް ބޭނުންކޮށްގެން، ކުޑަ އިންސިޝަންތަކަކުން އޮޕަރޭޝަން ކުރުމަށް ބޭނުންކުރާ މިނިމަލީ އިންވޭސިވް ޓެކްނޮލޮޖީއެކެވެ.
މި ޓެކްނޮލޮޖީގެ އެހީގައި އާންމުކޮށް ކުރަނީ ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި، އަންހެނުންގެ ބަލިތަކުގެ އޮޕަރޭޝަންތަކުގެ އިތުރުން އާންމު ސާޖަރީތަކާއި މޭމަތީގެ (ތޮރަސިކް) އޮޕަރޭޝަންތަކެވެ.
އައިޖީއެމްއެޗުން ރޮބޮޓިކް ސާޖަރީއަށް ތައްޔާރުވަމުންދާއިރު، އެ ހޮސްޕިޓަލުން ދާދިފަހުން ވަނީ ބަރުދަން ލުއިކުރުމުގެ އޮޕަރޭޝަންތަކާއި، އެންމެ ފަހުގެ ވަސީލަތްތަކާއެކު ކުރެވޭ ކަށީގެ ހާއްސަ އޮޕަރޭޝަންތައް ފަދަ އާ ހިދުމަތްތަކެއްވެސް ތައާރަފުކޮށްފައެވެ.
Ads by MACL
