އެމްޑީޕީން ހަދަނީ ދޮގު، ރައީސް ވިދާޅުވީ ބޮޑުތަކުރުފާނުމަގު ހަދަން ފައިސާ ހަމަޖެއްސީ މި ސަރުކާރުން ކަމަށް
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ މި ސަރުކާރުން ބަޖެޓު ހަމަޖައްސައިގެން، ސީދާ މި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަސައްކަތް އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްދާކަމަށެވެ. އަދި މި މަޝްރޫޢުގެ ބާކީ ހުރި ބައިތައް ނިންމުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން އެމްޕީއެލް ސަރަޙައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް ކުރިއަށްގެންދާ މަސައްކަތްތައް ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ބޭރުމަގު ތަރައްޤީ ވެގެން ދިއުމަކީ މާލޭގެ އެތެރޭގެ މަގުތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔެއްކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢު ނިމުމުން ކޮޅަކަށް ދެ ލޭން އޮންނަ ގޮތަށް މަގު ބައްޓަން ކުރެވި، ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި މަގުތައް ތަރައްޤީ ކުރުމަކީ ތަރައްޤީގެ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިއްމު އެއް މަސައްކަތެވެ.
Ads by BMLމަޝްރޫޢުގެ މިލްކުވެރިކަމާ މެދު ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވާތީ، އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ މިއީ މި ސަރުކާރުން ނިންމައިގެން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށެވެ. އަދި ސިޔާސީ މަންފާ ހޯދުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، ރައްޔިތުންނަށް ލިބޭ މަންފާ އިސްކޮށް، ގައުމީ ތަރައްޤީގެ މަސައްކަތްތަކަށް މަރުހަބާ ކިޔުމަކީ މުހިއްމު ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގުގައި ރުއް އިންދުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ލޯންޗު ފަހަރު ފަސޭހައިން ލަފާ ފުރުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށްޓަކައި ކުދި ޖެޓީތަކެއް ތަރައްޤީ ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ތަރައްޤީކޮށްފައެވެ. މި ސަރަޙައްދު ތަރައްޤީކޮށްފައިވަނީ ފަޅުތެރެއިން ބައެއް ހިއްކައި، މަގު ހަތަރު ލޭނަށް ފުޅާކުރުމަށްފަހު، 1.145 ކިލޯމީޓަރުގެ ސަރަޙައްދުގައި ތާރު އަޅައިގެންނެވެ. މީގެ އިތުރުން ދުވާރާއި ފެންހިންދާ ނިޒާމު ގާއިމުކޮށް، 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއްވެސް މި މަޝްރޫޢުގެ ތެރެއިން ވަނީ ގާއިމުކޮށްފައެވެ.
Ads by MACL
