ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސިޓީ ކައުންސިލަކަށް ހަގީގަތެއް އޮޅުވައެއް ނުލެވޭނެ، މަގުތަކުގައި ހުންނަ ކުނި ނެގުމަކީ ކައުންސިލްގެ ގާނޫނީ ޒިންމާއެއް!

ސިޓީ ކައުންސިލަކަށް ހަގީގަތެއް އޮޅުވައެއް ނުލެވޭނެ، މަގުތަކުގައި ހުންނަ ކުނި ނެގުމަކީ ކައުންސިލްގެ ގާނޫނީ ޒިންމާއެއް!

ވެމްކޯއާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ކައުންސިލަރުން ދެއްކެވި ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ކައުންސިލްގެ ބައްދަލުވުމުގައި ވެމްކޯއާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ، ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން މާލޭގެ މަގުތަކުން ކުނި ނެގުމަކީ މާލެ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށެވެ. އަދި އެއްވެސް ގާނޫނަކުން އެ ޒިންމާ ވެމްކޯއާ މަތިކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ.

މިހާރު ވެމްކޯއިން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކާ ގުޅޭގޮތުން އޮފިޝަލް ވިދާޅުވީ ގޭބިސީތަކުން ކުނި ނެގުމުގެ ހިދުމަތް މިހާރު ވެސް ފުރިހަމަ ކަމާއެކު ދެމުން އަންނަ ކަމަށެވެ. އަދި ކުނި ނެގުމުގެ ހުރިހާ ހިދުމަތްތަކެއް ވެސް ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތިލަފުށީގެ ކުނި މެނޭޖުކުރާ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހިދުމަތްތަކަށް ބައެއް ދަތިތަކެއް ކުރިމަތިވި ނަމަވެސް، އެ ދަތިތަކުން އަރައިގަނެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމަށް ވެމްކޯއިން ބުންޏެވެ.

މީގެ އިތުރުން، މި ސަރުކާރުން ވެމްކޯ ހިންގަމުން އަންނަނީ ކުރީގެ ސަރުކާރުން ކުންފުނި ހިންގި ގޮތާ ތަފާތުކޮށް ކަމަށާއި، މިހާރު ކުންފުނި ހިންގަނީ ހަރުދަނާ އުސޫލުތަކަކާއި ހިންގުމުގެ ނިޒާމެއްގެ ތެރެއިން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އެހެންކަމުން، ކައުންސިލްގެ ޖަލްސާގައި ދެއްކެވި ވާހަކަތަކަކީ ހަގީގަތް އޮޅޭ ގޮތަށް ދެއްކި ވާހަކަތަކެއް ކަމަށް ވެމްކޯއިން ފާހަގަކުރެއެވެ.