ކެމްބޯޑިއާގެ ސީ-ޓު-އެއަރ ކާގޯ ޝިޕްމަންޓާއެކު ވެލާނާ އެއާޕޯޓުގެ ލޮޖިސްޓިކްސް ޚިދުމަތް އާ ސަރަޙައްދުތަކަކަށް ފުޅާވެއްޖެ
އޭޝިއާ އާއި ޔޫރަޕުގެ ބާޒާރުތައް ގުޅުވައިދޭ މުހިންމު ލޮޖިސްޓިކްސް ހަބެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މައި އެއާޕޯޓު ފުޅާވަމުންދާކަން ހާމަކޮށް، ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯ ވެލާނާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު މެދުވެރިކޮށް ކާމިޔާބުކަމާއެކު ރާއްޖެއިން ބޭރަށް ފޮނުވާލައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަޢުލޫމާތު ދެއްވާގޮތުގައި، ކެމްބޯޑިއާއިން ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މި މުދާތައް ވެލާނާ އެއާޕޯޓުން ވައިގެ މަގުން ފޮނުވާލާފައިވަނީ ފްރާންސްގެ ލީލް އަށެވެ.
އާންމުގޮތެއްގައި ވެލާނާ އެއާޕޯޓް މެދުވެރިކޮށް ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ހޯދަނީ ބަންގްލަދޭޝް، އިންޑިއާ އަދި ސްރީ ލަންކާ ފަދަ ކައިރި ޤައުމުތަކުން ކަމަށްވާއިރު، ކެމްބޯޑިއާގެ މުދާ އުފުލަން ފެށުމަކީ ދެކުނުއިރުމަތީ އޭޝިއާގެ ބާޒާރުތަކަށް ރާއްޖޭގެ ލޮޖިސްޓިކްސް މާކެޓް ފުޅާވަމުންދާކަމުގެ ވަރުގަދަ ހެއްކެކެވެ.
ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓަކީ ސީދާ ވައިގެ މަގުން މުދާ ފޮނުވުމަށްވުރެ ޚަރަދު ކުޑަ، އަދި ހަމައެކަނި ކަނޑުމަގުން ފޮނުވުމަށްވުރެ އަވަސް ނިޒާމަކަށްވާތީ، މިއީ އަވަހަށް މަންޒިލަށް ފޯރުކޮށްދޭންޖެހޭ މުދަލަށް އޮތް އެންމެ އެކަށީގެންވާ އަދި ފައިދާހުރި ހައްލެކެވެ.
މި ކާމިޔާބީއާއެކު، އޭޝިއާއާއި ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބާޒާރުތައް ގުޅުވައިދޭ، ހިންދު ކަނޑުގެ ސަރަޙައްދުގައިވާ އެންމެ އިތުބާރުހުރި މުހިންމު ލޮޖިސްޓިކްސް ހަބެއްގެ ގޮތުގައި ވެލާނާ ބައިނަލްއަޤްވާމީ އެއަރޕޯޓުގެ މަގާމު ވަނީ އިތުރަށް ވަރުގަދަވެގެން ގޮސްފައެވެ.
Ads by MACL
