މިއަހަރު އިތުރު 15 ރަށެއްގައި ވެމްކޯގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ވެމްކޯއިން ބުނެފި
އަތޮޅުތެރޭގެ 15 ރަށެއްގައި މިއަހަރުގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފެށުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ތައްޔާރުވަމުންދާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ވެމްކޯގެ ޖެނެރަލް މެނޭޖަރ އިސްމާޢީލު އުބައިދު ވިދާޅުވިގޮތުގައި، ރާއްޖޭގެ އެކި ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަސައްކަތްތައް ދަނީ ބާރަށް ކުރިއަށެވެ. މީގެ ތެރޭގައި ޖުމުލަ 26 ރަށެއްގައި ޚިދުމަތް ފެށުމަށް ރާވާފައިވާއިރު، އޭގެ ތެރެއިން 15 ރަށެއްގައި މިއަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ކަމާބެހޭ ރަށްރަށުގެ ކައުންސިލްތަކާއެކު ބޭއްވި މަޝްވަރާތަކުން، އިދާރީ ގިނަ ކަންތައްތަކެއް މިހާރު ނިންމާލެވިފައިވާކަމަށް އުބައިދު ވިދާޅުވިއެވެ. މިހާރު ކުރިއަށްދަނީ މި ޚިދުމަތްތައް ފެށުމަށް ބޭނުންވާ ވެހިކަލްތަކާއި މެޝިނަރީތައް ހޯދުމުގެ މަރުޙަލާއެވެ. މީގެ އިތުރުން ރަށްރަށުގައި ކުނިކޮށި ތަރައްޤީކުރުމުގެ މަސައްކަތްތައް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާނެއެވެ.
Ads by BMLރާއްޖޭގެ ހުރިހާ ސިޓީއެއްގައި މިހާރުވެސް ވެމްކޯގެ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނައިރު، އަތޮޅުތެރޭގެ ރަށްރަށަށް މި ޚިދުމަތް ފުޅާކުރުމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތެއްކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
Ads by MACL
