ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބީއެމްއެލްއަށް ރެކޯޑު މާލީ ކުރިއެރުމެއް: ސާފު ފައިދާ 1.3 ބިލިޔަން ރުފިޔާއަށް

ބީއެމްއެލްއަށް ރެކޯޑު މާލީ ކުރިއެރުމެއް: ސާފު ފައިދާ 1.3 ބިލިޔަން ރުފިޔާއަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ނަތީޖާ ހާމަކޮށްފައިވާއިރު، އެ ބޭންކުން ފާހަގަކޮށްލެވޭ ފަދަ ރެކޯޑު ކުރިއެރުމެއް ހޯދައިފިއެވެ. އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ހިންގުމުގެ ފައިދާގެ ގޮތުގައި 1.8 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.3 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެކެވެ. ހަމައެކަނި ދެވަނަ ކުއާޓަރުގައި ވެސް ސާފު ފައިދާގެ ގޮތުގައި 647 މިލިޔަން ރުފިޔާ ލިބިފައިވާކަން ބޭންކުން ވަނީ ހާމަކޮށްފައެވެ.

މި ނަތީޖާއަކީ ބޭރުގެ މާލީ މާހައުލަށް އަންނަ ބަދަލުތަކާއި ގޮންޖެހުންތަކާ އެކުވެސް، ބޭންކުގެ ރިސްކު މެނޭޖްކުރުމުގެ ހަރުދަނާ އުސޫލުތަކާއި ހިންގުން ހަރުދަނާ ކުރުމަށް ދިން އިސްކަމުގެ ސަބަބުން ހާސިލުކުރެވުނު ކާމިޔާބީއެކެވެ. ފާއިތުވި ހަ މަސް ދުވަހު ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރޭގައި އިންޓްރެސްޓުން ލިބުނު 1.6 ބިލިޔަން ރުފިޔާއާއި، ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު 830 މިލިޔަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ބޭންކުގެ ޖުމްލަ އެސެޓް 62.8 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް ވަނީ 41.6 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. އަދި ބޭންކުގެ ޖުމްލަ ލޯނު ޕޯޓްފޯލިއޯ ވަނީ 30.5 ބިލިޔަން ރުފިޔާއަށް އުފުލިފައެވެ.

ބޭރު ފައިސާގެ މުއާމަލާތްތަކަށް ބަލާއިރު، ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވުމަށް އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭންކުން ވަނީ 166 މިލިޔަން ޑޮލަރު ވިއްކާފައެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރަށް ފޮނުވި 311,722 ރެމިޓެންސް މުއާމަލާތް ހިމެނޭއިރު، މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 20 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން ކްރެޑިޓް އަދި ޑެބިޓް ކާޑުން ކުރާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 226 މިލިޔަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ފޯރުކޮށްދިން 175 މިލިޔަން ޑޮލަރާ އަޅައިބަލާއިރު 29 އިންސައްތައިގެ އިތުރުވުމެކެވެ.

ޖުމްލަގޮތެއްގައި، އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭންކުން ވަނީ 478 މިލިޔަނަށްވުރެ ގިނަ ޑޮލަރު ފޯރުކޮށްދީފައެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 80 މިލިޔަން ޑޮލަރެވެ. މިއީ 2025 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށްވުރެ 30 އިންސައްތަ އިތުރު، 2023 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށްވުރެ ދެގުނަ އިތުރު، އަދި 2021 ވަނަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެކެވެ. މިއީ ބޭންކަށް ޑޮލަރު ގަންނަން ލިބުމުގައި ހުރި ދަތިތަކާއެކުވެސް، ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމަށާއި ގައުމުގެ އިގްތިސާދަށް އެހީތެރިވުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.

ކުރިއަށް އޮތް ތަނުގައިވެސް ޑިޖިޓަލް ޚިދުމަތްތަކަށާއި، 'މޯލްޑިވްސް އޭއައި ލެބް' ފަދަ އީޖާދީ މަސައްކަތްތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ބީއެމްއެލްއިން ދަނީ ތައްޔާރުވަމުންނެވެ. އެ ބޭންކުން ހާމަކުރި ގޮތުގައި 2026 ވަނަ އަހަރުގެ ދެވަނަ ހަ މަސްދުވަހާ ކުރިމަތިލަނީ މާލީ ގޮތުން ވަރުގަދަ، ހަރުދަނާ ބެލެންސް ޝީޓަކާއި ލިކުއިޑިޓީ ހާލަތެއްގައި އޮވެގެންނެވެ.