ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބިދޭސީއެއްގެ އަތުން 10,000 ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފި

ބިދޭސީއެއްގެ އަތުން 10,000 ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ބައިސްކަލެއްގައި ދަތުރުކުރި ބިދޭސީއެއްގެ އަތުން 10,000 ރުފިޔާ އޮތް ވޮލެޓެއް ފޭރުނު މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން މުއްދަތު ދީފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި، ހުޅުމާލެ ފޭސް 1 ގެ އެފްޑަބްލިޔު ރެސިޑެންސް ކައިރިން ބައިސްކަލެއްގައި ދަތުރުކުރަމުން ދިޔަ ބިދޭސީއެއްގެ އަތުން ވޮލެޓް ފޭރިގަތީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. މި މައްސަލަ އެ ރޭ 11:25 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކުރުމާއެކު، ހުޅުމާލެ ޕޮލިސް ރެސްޕޮންސް އެންޑް ޕެޓްރޯލް އަދި އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފެށިއެވެ.

ސީސީޓީވީ ފުޓޭޖުތައް ބަލައި ފުލުހުން ކުރި މަސައްކަތުން، އެ ހާދިސާގައި ބޭނުންކުރި ސައިކަލު އެ ރޭ 12:30 ހާއިރު ހޯދުމަށް ފަހު، މި މައްސަލައިގެ ތުހުމަތުގައި ގދ. ވާދޫ، އަތަމާގެ، ޢިޖާޒު ނަޞީރު (40އ) ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލައިގައި ދެން ހިމެނޭ މީހާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އޭނާ ހޯދައި، ޖުލައި 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް އޭނާ މިހާރު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ. ފުލުހުންގެ ތަހުގީގުގައި އެ ބިދޭސީ މީހާގެ އަތުން ފޭރުނު 10,000 ރުފިޔާއާއި ވޮލެޓް މިހާރު ވަނީ ހޯދާފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.