ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތުން ނަތީޖާ ނެރެވޭނެ: ރައީސް މުޢިއްޒު

ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތުން ނަތީޖާ ނެރެވޭނެ: ރައީސް މުޢިއްޒު

ކޮރަޕްޝަނުގެ އެކި މާމަލާތްތަކުގެ ތެރެއިން ދައުލަތަށް ގެއްލިގެން ގޮސްފައިވާ މުދަލާއި ފައިސާ އަނބުރާ ހޯދުމުގައި ކާމިޔާބީއާ ހަމައަށް ދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ދައުލަތުގެ ނިޒާމުގެ ތެރޭގައި ޒަމާންތަކެއް ވަންދެން އަށަގެންފައިވާ ކޮރަޕްޝަންގެ ވަބާ ނައްތާލުމަށް ސަރުކާރުން އިސްކަންދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތުގައި އެދެވޭ ނަތީޖާއެއް ނެރެވޭނީ ސަރުކާރާއި ކޯޓުތަކުގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދައުލަތުގެ ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކޮރަޕްޝަންގެ މައްސަލަތަކުގައި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަގުފަހިކުރުމަށްޓަކައި "އެސެޓް ރިކަވަރީ" ބިލެއް އެކުލަވާލުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ރައީސް ހާމަކުރެއްވިއެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މިއީ ވަރަށް ބުރަ އަދި ބޮޑު މަސައްކަތެއް ނަމަވެސް، ރައްޔިތުންގެ ފައިސާއާއި މުދަލުން ގެއްލުނު ބައިގެ ތެރެއިން ވީހާވެސް ބޮޑު މިންވަރެއް އަނބުރާ ހޯދުމުގައި ނަތީޖާ ނެރެވޭނެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަދަ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެފަދަ ހުރިހާ މައްސަލަތަކެއް ފުރިހަމައަށް ބަލައި އިންސާފުވެރި ހައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ކޮރަޕްޝަނަށް އޮތް ފުރުސަތުތައް ހަނިކުރުމުގެ ގޮތުން ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމުގެ ސިޔާސަތެއް ތަންފީޒު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިގޮތުން ތައާރަފުކުރެވޭ "މޯލްޑިވްސް 2.0" ނިޒާމަކީ ކޮރަޕްޝަން ނައްތާލުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ނިޒާމުގެ ސަބަބުން ދެފުށް ފެންނަ، އަވަސް ހިދުމަތްތަކެއް ކަށަވަރުވެގެންދާނެ ކަމަށެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަގުވާމީ ކޮރަޕްޝަން އިންޑެކްސް އާއި ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ކުރިއަރައިގެން ދާނެކަމުގެ ޔަގީންކަންވެސް ރައީސް ޑރ. މުއިއްޒު ދެއްވިއެވެ.