ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުމާލޭގެ ކުނީގެ މައްސަލަތައް ހައްލުކުރުމަށް ވެމްކޯއަށް ބިމެއް ހަމަޖައްސައިދީފި

ހުޅުމާލޭގެ ކުނީގެ މައްސަލަތައް ހައްލުކުރުމަށް ވެމްކޯއަށް ބިމެއް ހަމަޖައްސައިދީފި

ހުޅުމާލޭގައި ދިމާވަމުންދާ ކުނީގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތުގެ ތެރެއިން، އެ ސަރަހައްދުގައި ކުނި މެނޭޖުކުރުމަށް ބޭނުންވާ ބިމެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެމްކޯއާ ވަގުތީ ގޮތުން ހަވާލުކޮށްފިއެވެ.

މިކަން ހާމަކުރައްވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި މަސައްކަތަށް އެޗްޑީސީގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރައްވާފައެވެ.

މި ބިން ހަމަޖެހުމާ ގުޅިގެން ހުޅުމާލޭގައި ކުނި އުކާލުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ކުނި މެނޭޖުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެމްކޯއިން ބުނެއެވެ. ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މި ޕޯސްޓުގައި ވަނީ ހުޅުމާލޭގެ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ އިސްނެންގެވުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

އާންމު ސިއްހަތާއި ރައްކާތެރިކަމަށް އިސްކަންދީގެން، ހުޅުމާލޭގެ ކުނި އުކާލުމުގެ މަސައްކަތްތައް އަވަސްކުރުމަށް މި ފިޔަވަޅުތައް އެޅުމަކީ ވެމްކޯއާއި އެޗްޑީސީ ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި ބިމާއެކު، ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ވެމްކޯއަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.