ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސްޕެއިން، ފްރާންސް، ޖަރުމަނު ހިމެނޭހެން ޔޫރަޕްގެ 55 ގައުމަކުން ފީފާގެ މުބާރާތްތައް ބޮއިކޮޓުކޮށްފި

ސްޕެއިން، ފްރާންސް، ޖަރުމަނު ހިމެނޭހެން ޔޫރަޕްގެ 55 ގައުމަކުން ފީފާގެ މުބާރާތްތައް ބޮއިކޮޓުކޮށްފި

ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ، ޔުއެފާ އާއި އެ އިދާރާގެ މެންބަރު 55 ޤައުމުން ފީފާގެ ހުރިހާ މުބާރާތްތަކެއް ބޮއިކޮޓް ކުރުމަށް ނިންމައިފިއެވެ.

މިއަދު ނެގި މި ވޯޓަކީ، ވޯލްޑް ކަޕުގެ ހިއްސާ ބޭރުގެ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާއިން ހުށަހަޅާފައިވާ ހުށަހެޅުމަށް އެޅުނު ވަރުގަދަ ހުރަހެކެވެ.

ޔުއެފާއިން ނެރުނު ބަޔާނުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މި ހުށަހެޅުމާ ދެކޮޅަށް ވަރަށް ސަރީހަ އިބާރާތުން ވަނީ ވާހަކަދައްކާފައެވެ. އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕަށް ފަހު މަދު ހަފުތާކޮޅެއްގެ ތެރޭގައި ފީފާއިން މިފަދަ ހުށަހެޅުމެއް ގެނައުމާ ގުޅިގެން ފުޓްބޯޅަ އާއިލާގެ ތެރޭގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. ދުނިޔޭގެ ރޭންކިންގެ ގަދަ 10 ގައި ހިމެނޭ ފިރިހެން އަދި އަންހެން ފުޓްބޯޅަ ޓީމުތަކުގެ ތެރެއިން ހަ ޓީމަކީ ޔޫރަޕަށް ނިސްބަތްވާ ޓީމުތަކެވެ. އޭގެ ތެރޭގައި މިހާރުގެ ވޯލްޑް ޗެމްޕިއަން ސްޕެއިން ވެސް ހިމެނެއެވެ.

އޭޝިއާގެ ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) އިން ވެސް ވަނީ އެ ކޮންފެޑަރޭޝަންގެ 47 މެންބަރު ގައުމަށް ފޮނުވި ސިޓީއެއްގައި މި ހުށަހެޅުމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ދުނިޔޭގެ ހަ ބައްރުގެ އެއްބާރުލުން ނުލިބި މިފަދަ ހުށަހެޅުމެއް ކާމިޔާބު ނުވާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ. ޔޫއެފާގެ މި ނިންމުމުގެ ސަބަބުން، އަންނަ އަހަރު ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ 2027 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

"ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތަކުގެ މިލްކުވެރިކަމުގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ބަދަލުކުރުމަށް ފީފާއިން ހުށަހަޅާފައިވާ ހުށަހެޅުން، އެއްވެސް ޝައްކެއް ނެތް ގޮތުގައި އަދި އިއްތިފާގުން އަޅުގަނޑުމެން ދެކޮޅު ހަދަން،" ޔޫއެފާއިން ބުނެފައިވެއެވެ. "މި ހުށަހެޅުން މުޅިން އަނބުރާ ގެންގޮސް، ފީފާގެ ހިންގުން ނުވަތަ މުބާރާތްތައް ދެން ދުވަހަކުވެސް އަމިއްލަ ފަރާތްތަކުގެ މިލްކުވެރިކަމަށް ދޫކޮށްނުލާނެ ކަމުގެ ގާނޫނީ ކަށަވަރުކަން ނުދޭހާ ހިނދަކު، ޔޫއެފާގެ އެއްވެސް ގައުމީ ޓީމެއް ފީފާގެ އެއްވެސް މުބާރާތެއްގައި ބައިވެރިއެއް ނުވާނެއެވެ."

ޔޫއެފާއިން ބަޔާންކުރި ގޮތުގައި ވޯލްޑް ކަޕަކީ ވިއްކާލަން އޮތް އެއްޗެއް ނޫނެވެ. އަދި އެއީ އިންވެސްޓްމަންޓް ޕްރޮޑަކްޓެއްގެ ގޮތުގައި ބަލައި، އަމިއްލަ އިންވެސްޓަރުންގެ އަތްމައްޗަށް ދޫކޮށްލެވޭނެ އެއްޗެއް ވެސް ނޫނެވެ. އިންފަންޓީނޯގެ ރޭވުމަކީ 20 ބިލިއަން ޑޮލަރުގެ ކުންފުންޏެއް އުފައްދައި، އެ ކުންފުނީގެ ދަށުން ވޯލްޑް ކަޕާއި އެހެނިހެން މުބާރާތްތައް ހިންގައި، އަމިއްލަ އިންވެސްޓަރުންނަށް ކުޑަ ހިއްސާއެއް ދިނުމެވެ.

މި ހުށަހެޅުމަށް ސެޕްޓެމްބަރު 19 ގެ ކުރިން އެއްބަސްވެއްޖެ ނަމަ، ފީފާގެ 211 މެންބަރު ގައުމުގެ ތެރެއިން ކޮންމެ ގައުމަކަށް 40 މިލިއަން ޑޮލަރު ދޭނެ ކަމަށް އިންފަންޓީނޯ ވަނީ ވައުދުވެފައެވެ. މިއީ 2027 ޖެނުއަރީ 1 އިން ފެށިގެން ލިބޭނެ 10 ބިލިއަން ޑޮލަރުގެ ޕެކޭޖެއްގެ ބައެކެވެ. ނަމަވެސް މި ހުށަހެޅުން ބަލައިނުގަނެފި ނަމަ، ކޮންމެ ގައުމަކަށް ލިބޭނީ ކުރިން ވެސް ހަމަޖެހިފައިވާ 10 މިލިއަން ޑޮލަރެވެ.

ޔޫއެފާއިން ސިފަކުރި ގޮތުގައި މިއީ ހަމައެކަނި ލީޑަޝިޕް ފެއިލްވުމެއް ނޫނެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގެ ބަލަދުވެރިޔާގެ ހައިސިއްޔަތުން ފީފާއިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުން ރެކުމެކެވެ. "އަމިއްލަ އިންވެސްޓަރުން ފީފާގެ މުބާރާތްތަކުގެ ހިއްސާދާރުންނަށް ވާ ހިސާބުން ފުޓްބޯޅަ މުޅިން ބަދަލުވާނެއެވެ. ވިޔަފާރީގެ ފައިދާ ހޯދައިދިނުމަކީ ދާއިމީ ވާޖިބަކަށް ވާނެއެވެ. އަދި އިންވެސްޓަރުންގެ އުންމީދުތައް ފުރިހަމަކުރުމަކީ ކޮންމެ ދުވަހެއްގެ ފިއްތުމަކަށް ވާނެއެވެ."

2024/25 ސީޒަނުގައި އެކަނިވެސް 4.4 ބިލިއަން ޔޫރޯ (5 ބިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދާފައިވާ ޔޫއެފާ އާއި ފީފާއާ ދެމެދު ބާރާއި ކޮންޓްރޯލް ހޯދުމުގެ ހަނގުރާމައެއް ހިނގާތާ ދުވަސްތަކެއް ވެއްޖެއެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާ އިންފަންޓީނޯ ވިދާޅުވަނީ މި ނިންމުމަކީ ފައިސާގެ މަންފާ ގިނަ ބަޔަކަށް ފޯރުކޮށްދީ، ފުޓްބޯޅަ "ޑިމޮކްރަޓައިޒް" ކުރުމަށް ނިންމި ނިންމުމެއް ކަމަށެވެ.

ނަމަވެސް އެހެން ފަރާތްތަކުގެ ޚިޔާލު ތަފާތެވެ. އިނގިރޭސިވިލާތުގެ ކަލްޗަރ މިނިސްޓަރ ލީސާ ނޭންޑީ ވިދާޅުވީ ފުޓްބޯޅައަކީ ސަޕޯޓަރުންގެ އެއްޗެއް ކަމަށާއި، އެއީ ބިލިއަނަރުންގެ އިންވެސްޓްމަންޓެއް ނޫން ކަމަށެވެ. އަދި ކުޅިވަރު ރައްކާތެރިކުރުމަށް ތެދުވަންވީ ވަގުތު ޖެހިއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭއެފްސީގެ ރައީސް ޝައިޚް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާ ވިދާޅުވި ގޮތުގައި މިކަމާ ގުޅޭގޮތުން ފީފާއިން އެއްވެސް މަރުހަލާއެއްގައި މަޝްވަރާކޮށްފައެއް ނުވެއެވެ. އަދި މިއީ ކޮންޓިނެންޓަލް ފުޓްބޯޅައިގެ ބިންގާ ކަމަށްވާ އެއްބައިވަންތަކަމާއި ދެފުށް ފެންނަ އުސޫލުތަކާ ޚިލާފު، ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކޮންކަކަފް (އުތުރު އަދި މެދުތެރޭ އެމެރިކާ) އިން ވެސް ފީފާއަށް ފާޑުކިޔާފައިވާއިރު، އެފްރިކާގެ ކޮންފެޑަރޭޝަނުން އަންނަ ހަފުތާގައި މިކަމާ މެދު ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. ދެކުނު އެމެރިކާގެ ކޮންމެބޯލް އިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.