ކޮޅުވެއްޓި ބަންޑުންޖަހާލައިގެން ސަލާމަތްވި އަށް މީހުން ގާފަރަށް ގެންގޮސްފި، ދެ މީހުން އަދިވެސް ހޯދަނީ
ތިލަފުށިން ފުރައިގެން ދަތުރުކުރި "ދަ ހޯކްސް" ކުންފުނީގެ ކޮޅުވެއްޓިއެއް މިއަދު ހެނދުނު ކ. ގާފަރު ކައިރިއަށް ބަންޑުންޖަހާލައި ދިޔަވި ހާދިސާގައި، އޭގެއިން ސަލާމަތްކުރި އަށް މީހުން މިއަދު މެންދުރު ގާފަރަށް ގެންގޮސްފައިވާއިރު، ގެއްލުނު ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުންނާއި ފުލުހުން ދަނީ ކުރަމުންނެވެ.
މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމްލަ 10 މީހުން ދަތުރުކުރަމުން ދިޔައެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ބިދޭސީންނާއި ދެ ދިވެހިންނެވެ. ފުލުހުންނަށް މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 08:48 އެހާކަންހާއިރު ކަމަށްވާއިރު، އޭގެ ތެރެއިން ސަލާމަތް ކުރެވުނު އަށް މީހުންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.
ގާފަރު ކައުންސިލްގެ ރައީސް މުބައްޝިރު ޖަލީލް ވިދާޅުވި ގޮތުގައި، ސަލާމަތް ކުރެވުނު މީހުން މިއަދު މެންދުރު އެކެއް ޖަހާ އެހާކަންހާއިރު ވަނީ އެ ރަށަށް ގެންގޮސްފައެވެ. އަދި އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށާއި، މިހާރު އެ މީހުން ބައިތިއްބާފައި ތިބީ އެ ރަށުގެ ގެސްޓްހައުސްއެއްގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
Ads by BMLމި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ދެ ބިދޭސީން ކަމަށް ފުލުހުންނާއި ކޯސްޓްގާޑުން ވަނީ ކަށަވަރުކޮށްދީފައެވެ. މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސް ދުވަސްވަރަކަށްވެފައި، ކަނޑުގަދަވުމުގެ ސަބަބުން މިފަދަ ހާދިސާތައް ވަނީ އިތުރުވެފައެވެ. މިއަދު ހެނދުނު ހިނގި އެހެން ހާދިސާއެއްގައި، ކާފު މާފުށީ ބޭރުގައި އޮތް ސަފާރީއެއްގެ ނަގިލި ކަހާލައިގެން ގޮސް އެ ރަށު ފަރުމައްޗަށް ލައްވެ، އެ އުޅަނދު ވަނީ އެއްކޮށް ފުނޑުފުނޑުވެފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ވަރަށް ގޯސްވާނެއެވެ. އެހެންކަމުން، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ކޯސްޓްގާޑުންނާއި ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
Ads by MACL
