ގޯސްވި މޫސުމާއެކު ގާފަރު ކައިރިއަށް ލޭންޑިން ކްރާފްޓެއް އަޑިއަށް ގޮސް ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފި
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއެއް ހިނގައި، ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިން ކްރާފްޓެއް ކ. ގާފަރު ކައިރިއަށް އަޑިއަށް ގޮސް އޭގެއިން ދަތުރުކުރި ދެ މީހަކު ގެއްލިގެން ސަލާމަތީ ހިދުމަތްތަކުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި އުޅަނދު އަޑިއަށް ދިޔަ އިރު އޭގައި ޖުމްލަ 10 މީހުން ދަތުރުކުރިއެވެ. އޭގެ ތެރެއިން 8 މީހަކު ސަލާމަތްކުރެވިފައިވީ ނަމަވެސް، ގެއްލިގެން ހޯދަމުންދާ ދެ މީހުންނާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި ހާދިސާގެ އިތުރުން މިއަދު ހެނދުނު އައި ބާރުގަދަ ކޮޅިގަނޑެއްގައި ކ. މާފުށީ ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގެ ނަގިލި ކަހާލައިގެން ގޮސް އެ ރަށު ބޭރު ތޮށްޓަށް އުރި، ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.
ވިއްސާރައިގެ ސަބަބުން ކަނޑު ދަތުރުފަތުރަށާއި ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރާފައިވާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ކުރާ ޑޮމެސްޓިކް ފްލައިޓްތަކާއި އަތޮޅުތެރޭގެ ލޯންޗު ދަތުރުތައްވެސް ވަނީ ކެންސަލްކުރަން ޖެހިފައެވެ.
މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ރީނދޫ އެލާޓް ނެރެފައެވެ. އެ މުއައްސަސާއިން ލަފާކުރާ ގޮތުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ހުޅުމާލެއާއި ބ. ދަރަވަންދޫއަށް ކަމަށްވާއިރު، އެ ދެ ރަށަށް 84 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި ވިލާގަނޑުގައި އެންމެ ބާރަށް ވައިޖެހިފައިވަނީ ލ. ކައްދޫއަށް ގަޑިއަކު 46 މޭލުގެ ބާރުމިނުގައެވެ.
މޫސުން ގޯސްވެ ކަނޑުތައް ގަދަވަމުންދާތީ، ކަނޑު ދަތުރުފަތުރުކުރާ އެންމެހާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހާއި ސަލާމަތީ ހިދުމަތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
Ads by MACL
