ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އޭބީއޭގެ ޗެއާމަންކަމަށް މުޙައްމަދު ޝަރީފް އައްޔަންކުރުމާއެކު ދިވެހިރާއްޖެއަށް ތާރީޚީ ކާމިޔާބީއެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ---
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ---

އޭޝިއަން ބޭންކަރސް އެސޯސިއޭޝަން (އޭބީއޭ)ގެ ޗެއާމަންގެ މަޤާމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް އައްޔަންކުރެއްވުމާއެކު، ސަރަޙައްދީ މާލީ ދާއިރާގެ އެންމެ މަތީ މަޤާމަކުން ދިވެހިރާއްޖެއަށް ތާރީޚީ ރަސްމީ ފުރުސަތެއް ވަނީ ތަނަވަސްވެގެން ގޮސްފައެވެ.

މިއީ އޭޝިއާ ސަރަހައްދުގެ ބޭންކުތައް ތަމްސީލުކުރާ އެންމެ ބޮޑު ޖަމިއްޔާގެ އިސްވެރިއެއްގެ މަޤާމަށް ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ. އޭބީއޭ ބޯޑުގެ ނިންމެވުމާ އެއްގޮތަށް، އެމަނިކުފާނު މި މަޤާމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ 31 ޖުލައި 2026 ގައެވެ.

މީގެ ކުރިންވެސް އޭބީއޭގެ ހިންގުމުގައި ޝަރީފް ވަނީ މުހިންމު ޚިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން 2018 އިން 2020 އަށް އެ އެސޯސިއޭޝަންގެ ވައިސް ޗެއާމަންކަމުގެ ދައުރު އަދާކުރައްވައި، ސަރަހައްދީ މެންބަރު ބޭންކުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށާއި އެސޯސިއޭޝަންގެ ސްޓްރެޓެޖިކް ލަނޑުދަނޑިތައް ހާސިލުކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ލީޑަރޝިޕަށް އޮތް ބޮޑު އިތުބާރާއެކު، 2025 ވަނަ އަހަރު އަލުން ވަނީ އެ މަޤާމަށް އައްޔަންކުރައްވާފައެވެ.

މި ނިންމެވުމާ ގުޅިގެން ޝަރީފް ވަނީ އޭބީއޭގެ ބޯޑާއި މެންބަރު ބޭންކުތަކުން ކުރެއްވި އިތުބާރަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ތަޖުރިބާއާއެކު މި މަޤާމުގައި ޚިދުމަތްކުރުމަކީ ލިބޭ ބޮޑު ޝަރަފެއް ކަމަށާއި، އުއްމީދަކީ މެންބަރު މުއައްސަސާތަކާއި ބޯޑުގެ އިތުރުން ސެކްރެޓޭރިއަޓާ ގުޅިގެން، އޭޝިއާގެ ބޭންކިންގ ސިނާއަތް އިތުރު ހަރުފަތަކަށް ކުރިއަރުވައި ގުޅުން ބަދަހިކުރުން ކަމަށެވެ.

ޝަރީފް މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، އޭބީއޭގެ ސެކްރެޓަރީ-ޓްރެޜަރާ ޑރ. ޑަރސަން ޗިއު ވަނީ އެސޯސިއޭޝަންގެ އަސާސްތައް ހިފެހެއްޓެވުމަށް ޝަރީފް ކުރައްވާ މަސައްކަތްޕުޅަށް ތައުރީފު ކުރައްވާފައެވެ. އަދި މެންބަރު ބޭންކުތަކާއި މުޅި ސަރަހައްދުގެ ބޭންކިންގ ސިނާޢަތުގެ ތަރައްޤީއަށް އޭބީއޭއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ސެކްރެޓޭރިއަޓްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

1981 ވަނަ އަހަރު އުފެއްދި އޭޝިއަން ބޭންކަރސް އެސޯސިއޭޝަނަކީ އޭޝިއާ ސަރަހައްދުގެ ބޭންކުތަކާއި ބޭންކިންގ އެސޯސިއޭޝަންތައް ތަމްސީލުކުރާ އެންމެ އިސް އެއް ސަރަހައްދީ ޖަމިއްޔާއެވެ. މި މުއައްސަސާގެ މައިގަނޑު މަސައްކަތަކީ ބޭންކިންގ ދާއިރާގެ އިސްވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުން އަދި ބައިނަލްއަޤްވާމީ މާލީ މުއައްސަސާތަކާއެކު މަޝްވަރާކުރުމާއި، ދާއިރާގެ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން އެންމެ އެކަށީގެންވާ އުސޫލުތައް މެންބަރުންނާ ހިއްސާކުރުމެވެ.

އޭބީއޭގެ ޗެއާމަންކަމަށް ޝަރީފް އައްޔަންކުރެއްވުމަކީ ބީއެމްއެލްގެ އިތުރުން މުޅި ރާއްޖެއަށްވެސް މާލީ ދާއިރާއިން ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. މީގެ ސަބަބުން ސަރަޙައްދީ ބޭންކިންގ ލީޑަރޝިޕްގައި ދިވެހިރާއްޖޭގެ ތަމްސީލުވުން އިތުރަށް ފުޅާވެގެންދާނެއެވެ. މިއަހަރުގެ އޭބީއޭ ކޮންފަރެންސް ސެޕްޓެންބަރު 1 އިން 3 އަށް ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ކޮންފަރެންސް އިންތިޒާމުކުރަނީ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.