ކުރިއަށް އޮތް 24 ގަޑިއިރު މޫސުން އިތުރަށް ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް އުދައަރާނެ ކަމުގެ އިންޒާރު
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައަރާފާނެ ކަމަށް ބަލައި މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން 5 ފޫޓާއި 7 ފޫޓާ ދެމެދަށް އުފުލޭނެ ކަމަށް ބެލެވޭއިރު، ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ.
ވައިގެ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރާއިރު، އުތުރާއި މެދުރާއްޖެތެރެއަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުޅުމާލެއަށާއި ބ. ދަރަވަންދޫއަށް ކަމަށާއި، އެއީ 84 މިލިމީޓަރުގެ ވާރޭ ކަމަށް މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކައެވެ. އަދި ވިލާގަނޑުގައި އެންމެ ބާރަށް ވައިގަދަވެގެން ރެކޯޑް ކުރެވިފައިވަނީ ލ. ކައްދޫއަށް ގަޑިއަކު 46 މޭލުގެ ބާރުމިނުގައެވެ.
ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމީ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ދަތުރުފެށުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް، އުޅަނދުފަހަރުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހަމައަށް ހުރިތޯ ޗެކްކުރުމަށާއި، ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރުމަށް ވަނީ އަންގާފައެވެ.
Ads by MACL
