ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފަވަރަ އާއި ޔޫޕީއައި ގުޅާލުމަކީ ރާއްޖެއާއި އިންޑިއާގެ މާލީ އަދި ޑިޖިޓަލް ގުޅުމަށް ލިބުނު ބޮޑު ކުރިއެރުމެއް: މިނިސްޓަރު ސައީދު

ފަވަރަ އާއި ޔޫޕީއައި ގުޅާލުމަކީ ރާއްޖެއާއި އިންޑިއާގެ މާލީ އަދި ޑިޖިޓަލް ގުޅުމަށް ލިބުނު ބޮޑު ކުރިއެރުމެއް: މިނިސްޓަރު ސައީދު

ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމް "ފަވަރަ" އާއި އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް" (ޔޫޕީއައި) ގުޅާލައި ރާއްޖެއިން އިންޑިއާއަށް ވަގުތުން ފައިސާ ފޮނުވޭ ޚިދުމަތް އިފްތިތާޙުކުރުމަކީ ދެ ޤައުމުގެ ޑިޖިޓަލް އަދި މާލީ ގުޅުންތައް އާ އުސްމިންތަކަކަށް ގެންގޮސްދޭނެ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރ އޮފް އިކޮނަމިކް ޑިވަލަޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިފަދައިން ވިދާޅުވީ، ރާއްޖޭގެ މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމާ ގުޅިގެން ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރާ ރިއަލް-ޓައިމް ޕޭމަންޓް ނިޒާމުތަކުގެ ތެރޭގައި ހިމެނޭ ޔޫޕީއައި މެދުވެރިކޮށް، އެއް ގައުމުން އަނެއް ގައުމަށް ކުރާ މުއާމަލާތްތައް މިހާރަށްވުރެ އަވަސް، ރައްކާތެރި، އަދި އަގުހެޔޮވެގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއީ ދެ ޤައުމުގެ މެދުގައި ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ދެ ޤައުމުގެ ވެރިން ގެންގުޅުއްވާ އެއްގަލަށް އަރާ ތަސައްވަރު ރަމްޒުކޮށްދޭ މުހިންމު ކާމިޔާބީއެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ނިޒާމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ފައިސާ ފޮނުވުމާއި ފައިސާ ދެއްކުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ވަޒީރު ސައީދު ވިދާޅުވީ ވިޔަފާރިވެރިންނަށް ބޯޑަރު ހުރަސްކޮށް ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކަށް އާ ފުރުސަތުތަކެއް ހުޅުވި، ވިޔަފާރިއާއި، ފަތުރުވެރިކަމާއި، އަދި އިންވެސްޓްމަންޓްތަކަށް މީގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ. މީގެއިތުރުން، މި ނިޒާމު އިތުރަށް ފުޅާވެ، މާޗަންޓް އަދި ބީ-ޓޫ-ބީ ޕޭމަންޓްތައް މީގެ ތެރޭގައި ހިމެނިގެން ދިއުމުން، އިގްސާދީ ގުޅުންތައް އިތުރަށް ވަރުގަދަވެ، ދެ ޤައުމުގެ ދެމެދުގައި ހުށަހެޅިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އިތުރު ފުރިހަމަކަމެއް ލިބި، ދެ ގައުމުގެ ވިޔަފާރިތަކަށާއި މުޖުތަމައުތަކަށް ބޮޑެތި ފުރުސަތުތަކެއް އުފެދިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފަވަރަ އާއި ޔޫޕީއައި ގުޅާލުމުގެ ޚިދުމަތް ރާއްޖޭގައި އަލަށް ފަށާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ ގުޅިގެންނެވެ. މިއާއެކު މި ދެ ބޭންކުގެ ކަސްޓަމަރުންނަށް އިތުރު އެޕްލިކޭޝަނެއް ބޭނުންކުރުމަކާ ނުލައި، އެ ބޭންކެއްގެ މޮބައިލް އެޕްލިކޭޝަން ނުވަތަ އިންޓަނެޓް ބޭންކިން މެދުވެރިކޮށް އިންޑިއާގެ ޔޫޕީއައި ބޭނުންކުރާ އެކައުންޓްތަކަށް ސީދާ ފައިސާ ފޮނުވޭނެއެވެ. މި ނިޒާމުގެ ދަށުން ފައިސާ ފޮނުވާ ފަރާތުން ދިވެހި ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރުން ފައިސާ ދެއްކުމުން، ފައިސާ ލިބޭ ފަރާތުގެ އިންޑިއާ ބޭންކު އެކައުންޓަށް ވަގުތުން ފައިސާ ޖަމާވާނީ އިންޑިއާ ރުޕީސް އިންނެވެ. މީގެއިތުރުން ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ލިބޭ ފަރާތުގެ އެކައުންޓްގެ ސައްހަކަން ކަށަވަރުކުރެވޭނެއިރު، އެކްސްޗޭންޖް ރޭޓާއި ބޭންކު ފީތައް އަދި ފައިސާ ލިބޭ ފަރާތުގެ ނަން ސީދާ ފެންނަން ހުންނާނެއެވެ.

މިއީ ރާއްޖޭގެ އަމިއްލަ ޕޭމަންޓް އިންފްރާސްޓްރަކްޗަރއެއް ބައިނަލްއަޤްވާމީ ނިޒާމަކާ ގުޅާލެވުނު ފުރަތަމަ ފަހަރެވެ. މިއާއެކު އިންޑިއާގެ ޔޫޕީއައި ނިޒާމާ ބައިނަލްއަޤްވާމީގޮތުން ގުޅާލެވުނު މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެން ގޮސްފައިވާއިރު، މީގެ ކުރިން މިފަދަ ގުޅުމެއް ގާއިމުކޮށްފައިވަނީ ހަމައެކަނި ސިންގަޕޫރާއި ނޭޕާލުގައެވެ. މި ޚިދުމަތަކީ 24 ޖުލައި 2025 ގައި އެމްއެމްއޭ އާއި އިންޑިއާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަންގެ ބައިނަލްއަޤްވާމީ ގޮފި، އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ފެށި ޚިދުމަތެކެވެ. މިއީ އެމްއެމްއޭ، ޕޭމަންޓް މޯލްޑިވްސް، ރިޒާވް ބޭންކް އޮފް އިންޑިއާ، އެންއައިޕީއެލް އަދި ދެ ޤައުމުގެ ކަމާގުޅޭ މާލީ އިދާރާތަކުން ގުޅިގެން ކުރިއަށް ގެންދިޔަ ކާމިޔާބު މަޝްރޫއެކެވެ.