ކެފޭތަކާއި ޓޭކްއަވޭތަކުން ގަވާއިދާ ހިލާފަށް އުޅުނު 8 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މޯލްޑިވްސް އިމިގްރޭޝަނުން މާލޭގައި ހިންގާ ކެފޭތަކާއި ޓޭކްއަވޭގެ ހިދުމަތްދޭ ތަންތަނަށް އަމާޒުކޮށް ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަނެއްގައި، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އަށް ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، ފިޔަވަޅު އެޅުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކް ފޯސްއިން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ރެއިޑް އޮޕަރޭޝަން ހާއްސަކޮށް އަމާޒުކޮށްފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ބިދޭސީން އިސްވެ ތިބެ ހިންގާ އަދި މަސައްކަތްކުރާ ކާބޯތަކެތި ވިއްކާ ތަންތަނަށެވެ. އެގޮތުން ބުރާސްފަތި ދުވަހު ހިންގި އެ އޮޕަރޭޝަނުގައި މާލޭގެ ޖުމްލަ ހަ ސަރަހައްދެއް އިމިގްރޭޝަނުން ވަނީ ބަލައި ފާސްކޮށްފައެވެ. މި ސަރަހައްދުތަކުގައި ހުރި ކެފޭތަކާއި ސައި ހޮޓާތަކުގެ އިތުރުން، އާންމުކޮށް ގިނަ އަދަދަކަށް ބިދޭސީން މަސައްކަތްކުރާ ޓޭކްއަވޭ ޕޮއިންޓްތައް ބަލައި، އެ ތަންތަނުގައި ތިބި 28 ބިދޭސީއެއްގެ ލިޔެކިޔުންތައް އިމިގްރޭޝަންގެ އޮފިސަރުން ވަނީ ޗެކްކޮށްފައެވެ.
މިގޮތުން ބެލި ބެލުމުން، ވިސާގެ މުއްދަތު ހަމަވެފައިވާ އަދި ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތް އަށް ބިދޭސީއަކު ފާހަގަކުރެވިގެން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މީހުންނާ މެދު އިމިގްރޭޝަންގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ރާއްޖޭން ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
Ads by BMLސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ މި ހާއްސަ މަސައްކަތުގެ ތެރެއިން، މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް 8,600 އަށްވުރެ ގިނަ ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލައި، ޑީޕޯޓްކޮށްލާފައެވެ. މިއީ ކުރީގެ އަހަރުތަކާ އަޅާބަލާއިރު ރެކޯޑް އަދަދެއްކަން ފާހަގަކުރެވެއެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އިޖްތިމާއީ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަކުރައްވައި، އެކަން ހައްލުކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތް ކުރަމުން ގެންދާކަމަށާއި އެގޮތުން ރާއްޖޭގައި ތިބި ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައި، އެއީ ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ބިދޭސީންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތުގެ ތެރެއިން މިހާރު ދެނެނުގަނެވި ތިބީ އެންމެ އެއް އިންސައްތަ މީހުން ކަމަށްވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.
Ads by MACL
